މުޖުތަމައުގެ ޒުވާން ޖީލު ސަލާމަތްކުރުމުގައި މުދައްރިސުން އަދާކުރަނީ ވަރަށް މުހިންމު ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތޯބުގައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ މުދައްރިސުން ކުރައްވާ މިންނެތް މަސައްކަތްތަކަށް ތައުރީފުކުރައްވާ، އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

އަދި ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް މުދައްރިސުންކުރެއްވި މަސައްކަތް ފާހަގަކުރައްވައި މުޅި ގައުމު ޝުކުރުވެރިވާނެކަން ޔަގީންވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ގައުމުގެ އިންސާނީ ވަސީލަތް ތަރައްގީކޮށް ބިނާކުރުމުގެ އެންމެ މުހިންމު މަސައްކަތް ކުރައްވާ ބަޔަކީ މުދައްރިސުންކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މުޖްތަމައަށް އެންމެ ބޭނުންތެރި ގޮތަށް ދަރިން ތަރުބިއްޔަތު ކުރުމުގައިވެސް، މުދައްރިސުން އަދާކުރައްވަނީ ގައުމީ ހިދުމަތުގެ ވަރަށް މުހިންމު ވާޖިބެއްކަން ވެސް ފާހަގަކުރައްވާފައެވެ.

ރައީސްގެ ހިތޯބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މަސްތުވާތަކެތީގެ ވަބާއިން ގައުމުގެ ޒުވާން ޖީލު ސަލާމަތްކުރުމާއި، ހަރުކަށި ފިކުރުތަކާއި ހަރުކަށި އަމަލުތަކުން، ޅަދަރިން ސަލާމަތްކުރުމަކީ، ގައުމީ ފެންވަރުގައި މިވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީގެން ކުރަންޖެހިފައިވާކަމެއްކަމުގައި ފާހަގަކުރައްވާފައެވެ.