ހއ. ފިއްލަދުއާ އެއްކޮށް އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ހިމަނުމާ ގުޅިގެން މިހާރު ސަރުކާރު އުނބަށް ޖަހައިފި ކަމަށް ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ އަޑިނޭނގޭ ބޭނުމަކަށް ހއ. ފިއްލަދޫގެ އިހުތިސާސުން ދައްޕަރު ވަކިކުރުމުން ފިއްލަދޫގެ ރައްޔިތުން އެކަމާ ކަންބޮޑުވެ ޕެޓިޝަނެއް ތައްޔާރުކޮށް މިދިިޔަ ސެޕްޓެމްބަރު 27 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅިއެވެ.

އެ މައްސަލައިގައި ސަރުކާރުގެ ކުރީގެ ނިންމުން މިއަދު ސަރުކާރުން ބަދަލު ކުރުމުން ޝިޔާމް ވިދާޅުވީ، މިހާރު ސަރުކާރު އުނބަށް ޖަހައިފި ކަމަށެވެ.

ހއ. ފިއްލަދުއާ އެއްކޮށް އޮންނަ ދައްޕަރު، އެ ރަށުގެ އިހުތިސާސްގެ ތެރޭގައި އަލުން ހިމެނުމަށް ގޮވާލާ، ހުށަހެޅި ޕެޓިޝަނުގައި 467 މީހުން ސޮއިކުރިއެވެ.

އެ ޕެޓިޝަންގައި ބުނެފައި ވަނީ ދައްޕަރަކީ ޒަމާނުއްސުރެ ފިއްލަދޫގެ ރައްޔިތުންނަށް ގިނަ ފައިދާތަކެއް ކުރާ އަދި އެ ރަށު އޮފީހަށް ވެސް އާމްދަނީ ލިބޭ ތަނެއް ކަމަށެވެ. އެކަމަކު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާ ގާނޫނުގެ ދަށުން އެ ރަށް ފިއްލަދޫގެ ބައެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހަމަޖެއްސެވުމަށް ފަހު، ރައްޔިތުންނާ އެއްވެސް މަޝްވާރާއެއް ކުރެއްވުމެއް ނެތި، ފަހުން ފިއްލަދޫގެ އިހުތިސާސުން އެ ރަށް ވަކިކޮށްފައި ވާތީ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެ ޕެޓިޝަންގައި ވަނީ ހިއްސާ ކޮށްފައެވެ.