ގްލޯބަލް އެޗީވާސް އެވޯޑްގެ ބެސްޓް އެކްޓްރެސްގެ މަގާމު އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ދީޕިކާ ޕަޑުކޮންއަށް ލިބިއްޖެއެވެ.
މި އެވޯޑު އިންޑިއާގެ ފިލްމީތަރިއަކު އަލަށް ހޯދާފައި ވާއިރު މި އެވޯޑް ދީޕިކާއަށް ލިބިފައިވަނީ ބޮލީވުޑްގައި އޭނާ ހޯދާފައިވާ ގިނަ ކާމިޔާބީތަކާ ގުޅިގެންނެވެ.
2018 ވަނަ އަހަރު ޓައިމްސް މެގަޒިންގައި ދުނިޔޭގެ އެންމެ އިންފްލުއެންޝަލް 100 މީހުންގެ ލިސްޓުގައި ދީޕިކާ ހިމަނާފައި ވާއިރު އޭނާ ވަނީ ބޮލީވުޑްގެ އިތުރުން ހޮލީވުޑްގެ ފިލްމަކުން ވެސް ފެނިގެން ގޮސްފައެވެ.
ދީޕިކާ ކުޅެފައިވާ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 'އޯމް ޝާންތި އޯމް'، 'ޗެންނާއި އެކްސްޕްރެސް' ފަދަ ފިލްމު ތަކަކީ ގިނަ ބައެއްގެ ތަރުހީބު ލިބިގެން ގޮސްފައިވާ މަޝްހޫރު ފިލްމުތަކެކެވެ. ފިލްތަކުގެ އިތުރުން ދީޕިކާ ކުޅެފައިވާ ލަވަތަކާއި އޭނާގެ ނެށުމަށް ވެސް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
މިއަހަރުގެ ގްލޯބަލް އެޗީވާސް އެވޯޑަށް 3000 ނަން ވަނީ ނޮމިނޭޓް ކޮށްފައެވެ.