ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ދީޕިކާ ޕަޑުކޯން ވިހަން ގާތްވެފައި ވަނިކޮށް، ފިރިމީހާ އެކްޓަރު ރަންވީރު ސިންހް އާއެކު ނަގާފައިވާ ޕެޓާނިޓީ ފޮޓޯޝޫޓްގެ ފޮޓޯތަކެއް އިންސްޓަގްރާމްގައި ޕޯސްޓްކޮށްފިއެވެ.

ދެމަފިރިންގެ އެ ފޮޓޯތައް ކަޅާ ހުދުކުލަކޮށް އިންސްޓާގައި ޕޯސްޓްކޮށްފައިވާއިރު ގިނަ ބޮލީވުޑް ތަރިންނެއް ވަނީ އެ ޕޯސްޓަށް ކޮމެންޓްވެސްކޮށްފައެވެ. ބަތަލާ މި މަހު 28 ގައި ވިހާނެކަމަށް ޑަކްޓަރުން ބުނެފައިވާކަމަށާއި ދީޕިކާ ވިހަން ދާނީ ލަންޑަނަށް ކަމަށްވެސް ބޭރުގެ މީޑިއާތަކުން ބުނެއެވެ. މި މަހު މެދެއްހާ ތެރޭ ދީޕިކާ އާއި ރަންވީރުގެ އިތުރުން ދެފަރާތުގެ އާއިލާގެ ބައެއް މެންބަރުން އިނގިރޭސިވިލާތަށް ފުރުމަށް ހަމަޖެހިފައިވާކަމަށްވެސް ބޭރުގެ މީޑިއާތައް ބުނެފައިވެއެވެ. ބައެއް ނޫސްތަކުން ބުނާގޮތުގައި ބަތަލާއަށް ލިބޭނީ ފިރިހެން ކުއްޖެކެވެ. ނަމަވެސް ދަރިފުޅުގެ ޖިންސެއް ދެމީހުންކުރެ އެކަކުވެސް އަދި މިހާތަނަށް ހާމަކޮށްފައެއްނުވެއެވެ.

2018 ވަނަ އަހަރު ކައިވެނިކުރި ބަތަލާ ދީޕިކާ އާއި ރަންވީރު ސިންހްގެ ކައިވެންޏަށް މިހާރު ފަސް އަހަރުވެފައި ވާއިރު ދެތަރިންނަކީ ވެސް ފިލްމީ މަޝްރަހުގައި ވަރަށް ކާމިޔާބު ދެތަރިންނެވެ. ރަންވީރު އާއި ދީޕިކާ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2013 ވަނަ އަހަރުއެވެ.