ޖަޕާނުގެ ސަރުކާރުން ތިން މިލިއަން އެމެރިކާ ޑޮލަރު (46.35 މިލިއަން ރުފިޔާ) ގެ އެހީތެރިކަން ރާއްޖެއަށް ދީފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ. އަދި ޖަޕާނުގެ ފަރާތުން ސޮއި ކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ކެއިކޯ ޔަނާއީއެވެ.

ތިން މިލިއަން ޑޮލަރުގެ އެހީތެރިކަމުގެ އިތުރުން، ޖަޕާނުގެ ސަރުކާރުން ވަނީ ފެންވަރު ރަނގަޅު ސިސްޓަމްތަކާއި އެކު ރާއްޖެއަށް ސީ އެމްބިއުލާންސެއްވެސް ހަދިޔާ ކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ޖަޕާނުން މިއަދު ރާއްޖެއަށް ހަދިޔާ ކުރި ތިން މިލިއަން އެމެރިކާ ޑޮލަރު ބޭނުން ކުރާނީ ރާއްޖޭގެ އިގްތިސޯދާއި އިޖުތިމާއީ ކަންތައްތައް ތަރައްގީ ކޮށް ހަރުދަނާ ކުރުމަށް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ހަލީލް ވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން ރާއްޖެއަށް ސީ އެމްބިއުލާންސްގެ ހިދުމަތް މުހިންމުކަން ފާހަގަ ކުރައްވާފައެވެ. ޚަލީލް ވިދާޅުވީ ޖަޕާނުގެ ސަރުކާރުން ހަދިޔާ ކުރި ސީ އެމްބިއުލާންސްގެ ސަބަބުން، މޫސުން ގޯސް ދުވަސްތަކުގައިވެސް ބަލިމީހުން އެއް ރަށުން އަނެއް ރަށަށް ގެންދިޔުމުގައި ލުއި ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށެވެ.

ހަލީލް ވަނީ ޖަޕާނުން ރާއްޖެއަށް ދިން އެހީތެރިކަމުން، އެގައުމުން ރާއްޖެއާއި މެދު ބަހައްޓާ ގާތްކަން ހާމަވެގެންދާ ކަން ފާހަގަ ކުރައްވައި، އެގައުމުގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފައެވެ.