ފުލުހުންގެ މަތީ ރޭންކުތަކުގައި ތިއްބެވި އޮފިސަރުންގެ ތެރެއިން ހަތް އޮފިސަރުންގެ މައްސަލަ ބަލާ އެ އޮފިސަރުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުމަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ސުވާލުގެ ޖަވާބުގައި އިމްރާން ވިދާޅުވީ ފުލުހުންގެ ގާނޫނު ވުޖޫދަށް އައުމަށް ފަހު، އެ ގާނޫނުގައި ފުލުހުންގެ ބޯޑެއް އެކުލަވާލަން ކަނޑައަޅާފައި ވަނީ ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އިމްރާން ވިދާޅުވީ އެ ގާނޫނުގެ ދަށުން ހޯމް މިނިސްޓަރަށް އަދި ގާނޫނުތައް ތަންފީޒު ކުރުމުގައި ލަފާ އަރުވަން ޖެހޭ ފަރާތްތަކަށް ލަފާ ދިނުމުގެ ޒިންމާ ހަވާލު ކުރެވިފައި ވަނީ ޕޮލިސް ބޯޑާ ކަމަށާއި، އެ މަސައްކަތުގައި ވަޒީރުގެ ދައުރު އޮންނަ ގޮތަށް ގާނޫނުގައި އޮތް ނަމަވެސް، ގާނޫނު ފަރުމާކޮށްފައި ވަނީ އެގޮތަށް ނޫން ކަމަށެވެ.
އެހެންކަމުން، އިސް މަގާމުތަކުގައި ތިބި ފުލުހުން ވަކިކުރުމުގެ މަސައްކަތް ހިނގަމުން ދިޔައިރު، އެ މަސައްކަތަށް އެއްވެސް ވަރެއްގެ ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށާއި، އެ މަސައްކަތުގެ ނަތީޖާ ފުލުހުންގެ ބޯޑުން ހިއްސާ ނުކުރި ނަމަވެސް، އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް އިމްރާން ވިދާޅުވިއެވެ.
ނަމަވެސް، އެ މަސައްކަތް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނުނިމިދާނެތީ މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތައްތައް ކުރެއްވި ކަމަށާއި، އެ މަސައްކަތަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާއި، އެފަދަ އެއްވެސް ޝަކުވާ އެއް ނާންނަ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
ފުލުހުންގެ އިސް މަގާމުތަކުގައި ތިބި އިސް އޮފިސަރުންތަކެއް ވަކިކުރަން ފުލުހުންގެ ބޯޑުން ނިންމާފައި ވަނީ ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. އެ ހަތް އޮފިސަރުންނަކީ ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި، އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އާއި، ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދާއި، ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމްގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފެވެ.