ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ޖެހޭ ކަމަށް ސޯޝަލް މީޑިއާގައި މީހަކު ބުނެ، ޔާމީނަށް އިންޒާރު ދިން މައްސަލަ ފުލުހަށް އިދިކޮޅު ޕީޕީއެމުން ހުށަހަޅައިފިއެވެ.

ސުޕްރީމް ކޯޓުގައި މިއަދު ޔާމީންގެ އިސްތިއުނާފީ ޝަރީއަތް އޮތް އިރު، އެ ޝަރީއަތުގައި ޔާމީނަށް ކާމިޔާބު ލިބުމަށް އެދި މީހަކު ކުރި ޕޯސްޓަކަށް އަބްދުލް ހަމީދު ނަމަކަށް ކިޔާ މީހާ ވަނީ ޔާމީނު މަރާލަން ޖެހޭނެ ކަމަށް ބުނެ ކޮމެންޓު ކޮށްފައެވެ.

އެހެންކަމުން ޔާމީނަށް އިންޒާރު ދިން މައްސަލައިގައި އަބްދުލް ހަމީދަށް ފިޔަވަޅު އަޅަން ފުލުހުންނަށް ސިޓީއެއް ހުށަހަޅައިފި ކަމަށާއި، އޭނާގެ މައްޗަށް ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އަޅަން ސިޓީއެއްވެސް ފޮނުވައިފި ކަމަށް ޕީޕީއެމުން ބުންޏެވެ.

މިކަމާ ގުޅިގެން ޔާމީނަށް ހިމާޔަތް ދިނުމަށާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް އެދި، ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

މިދިޔަ އޮގަސްޓު މަހުގެ ފަހުކޮޅު، ފުލުހުން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންޒާރު ދިން މައްސަލާގައި ރ. މީދޫން މީހަކު ހައްޔަރު ކޮށްފައެވެ. އެ މައްސަލާގައި ހައްޔަރުކުރި އިސްމާއީލް ޔާސިފް ވަނީ ކްރިމިނަލް ކޯޓުގަ އޮތް އަޑުއެހުމެއްގައިވެސް ނަޝީދު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.