ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ ކުއްޖަކު ހާލު ދެރަވެ މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އުމުރުން ހަ އަހަރުގެ އަންހެން ކުއްޖެކެވެ. އަދި އެކުއްޖާ މަރުވެފައި ވަނީ ބަލިވެގެން ހޮސްޕިޓަލަށް ގެންގޮސް އޮއްވާ އެތަނުގެ ނަރުހުން ކުއްޖާގެ ގަޔަށް ޖެހި އިންޖެކްޝަނެއްގެ ސަބަބުން ނޭވާލުން ހުއްޓިގެން ކަމަށް އަޑު ވަނީ ފެތުރިފައެވެ.
އެކަމާ ގުޅިގެން ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ލިރާރު ވިދާޅުވީ މިއަދު ހަވީރުގެ ވަގުތެއްގައި އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ ބަނޑުގައި ރިއްސައި ހޮޑުލާތީ ކަމަށެވެ.
އެގޮތުން އެކުއްޖާ މަރުވެފައިވަނީ ޑޮކްޓަރުން އެ ކުއްޖާއަށް ފަރުވާދެމުން ދަނިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަރުވާން ދިމާވި ސަބަބެއް އަދި ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެކުއްޖާ މަރުވީ ފުވައްމުލަކު ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ތުހުމަތު ކުރަމުން ދާއިރު އެ ތުހުމަތަކީ ރަނގަޅު ތުހުމަތެއް ކަމަށް ވާނަމަ އެކަން ތަހުގީގުކޮށް އެކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ލިރާރު ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީގެ ބަހެއް އަދި ނުލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ދެ ދުވަސް ވަންދެން ބަނޑުގައި ރިއްސާ ހޮޑުލާތީއެވެ.