ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މއ. ރެސްޓިންހައުސް، އުމުރުން 42 އަހަރުގެ މުހައްމަދު އިނާދު ދޫކޮށްލައިފިއެވެ.

ޕީޖީ އޮފީހުން ބުނީ އިނާދު ދޫކޮށްލީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ޖެހޭތޯ ބެލިއިރު, އެފަދަ އެއްވެސް ސަބަބެއް ނެތުމުން, އޭނާ ދޫކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓުގައި އެދުމުން ކަމަށެވެ. ޕީޖީން ބުނީ އިންޒާރު ދިނުން ފިޔަވައި އިތުރު ކަމެއް އޭނާ ނުކުރާ ކަމަށާއި, އެފަދަ ނިޔަތެއް ނެތް ވެސް ނެތް ކަމަށެވެ. އެހެންކަމުން ކްރިމިނަލް ކޯޓުން ވަނީ ޝަރުތުތަކާއެކު, މިދިޔަ މަހުގެ 30 ގައި އިނާދު ދޫކޮށްލާފައެވެ.

އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކުރި މައްސަލާގައި އިނާދު ހައްޔަރުކުރީ މީގެ ތިންމަސް ދުވަސް ކުރިން، ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ.

އިނާދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީއިން މިދިޔަ މަހުގެ 30 ގައި ފޮނުވީ ޓެރަރިޒަމް މަނާ ކުރާ ޤާނޫނުގެ ގެ 13 ވަނަ މާއްދާގެ (ހ) އާއި، 4 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާ ހަވާލާދީ، 13 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ، ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އިނާދުގެ އިންޒާރާ ގުޅިގެން އިންޑިއާގެ ހައިކޮމިޝަނާއި ޗައިނާގެ އެމްބަސީގެ ސެކިއުރިޓީ ވަރުގަދަ ކުރި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އިންޑިއާގެ ހައިކޮމިޝަނުގެ ސެކިއުރިޓީ ވަނީ ދަށްކޮށްފައެވެ

ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރި ވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މި މައްސަލައާ ގުޅިގެން އޮތީ ދީފައެވެ.