ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރޭ ރާއްޖެ ކުޅުނު ފުރަތަމަ މެޗު ބައްލަވާލައްވައިފިއެވެ.

އެ މެޗުގައި ރާއްޖެ ބައްދަލުކޮށްފައި ވަނީ ނޭޕާލާއެވެ. މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށް ދާ މި މުބާރާތުގައި ރޭ ގައުމީ ފުޓުބޯޅަ ދަނޑުގައި މި ކުޅުނު މެޗަކީ މި މުބާރާތުގެ ދެވަނަ މެޗެވެ.

އެ މެޗުން 1 ލަނޑު 0 ލަނޑުން ކުރިހޯދާ މޮޅުވެފައި ވަނީ ނޭޕާލް ޓީމެވެ.

އެ މެޗު ބައްލަވާލެއްވުމަށްޓަކާ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމާ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ، ސަރުކާރުގެ ބައެއް އިސް ވެރިން ދަނޑަށް ވަޑައިގަތެވެ.

އޭގެ އިތުރުން ދިވެހި ގިނަ ސަޕޯޓަރުން ދިވެހި ގައުމީ ފުޓްބޯޅަޓީމަށް ސަޕޯޓް ކުރުމަށް ގަލޮޅު ދަނޑުގައި ތިއްބެވެ.

މީގެ ކުރިން ރާއްޖެ ވަނީ ސާފް ޗެންޕިއަންޝިޕް 2 ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2008 އަދި 2018 ވަނަ އަހަރުއެވެ.