ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އިސްރާފުތައް ކުޑަކުރަންޖެހޭ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ، ރޭ މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ބޭއްވި "އެކުވެރި އެމްޑަބްލިއުއެސްސީ" ނެޓްވާކިން ޑިނާ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖެފަދަ ކުޑަޖަޒީރާ ގައުމެއްގައި ދިރިއުޅޭއިރު މޫސުމަށް އަންނަ ބަދަލުތަކަށް ވިސްނުންހިންގައި އެބަދަލުތަކާއެކު ދިރިއުޅުމުގެ ވައްޓަފާޅިއަށް ވެސް ބަދަލުތަކެއް ގެންނަންޖެހޭކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ފެންއިސްރާފުނުކުރުމާއި އަދި ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އިސްރާފުތައް ކުޑަކުރަންޖެހޭކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްއީއިން ވަރަށް ކުދިކުދި ކަންކަމުން ފެށިގެން ބޮޑެތި މަސައްކަތްތައް ކުރިޔަށްގެންދާކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ ކިތަންމެ ކުޑަ މަސައްކަތެއް ކަމުގައިވިޔަސް އެއީ ރައްޔިތުންގެ ފަސޭހައަށް ކުރެވޭ ކަންތައްތައް ކަމުގައިވާތީ އެފަދަ ކަންކަމުގައިވެސް ކުންފުނިތަކުން ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންނެވިއެވެ.

އެމްޑަބްލިއުއެސްސީ އާއެކު އެހެން ކުންފުނިތަކުން ބާއްވަމުންގެންދާ ގާތްގުޅުން ދަމަހައްޓައި ކުންފުނިތަކުގެ ވެރިންގެ މެދުގައި ގުޅުންބަދަހިކުރުމުގެ ގޮތުން އެ ކުންފުނިން ރޭ ބޭއްވި އެ ހަފްލާގައި ސަރުކާރާއި ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.