ފުލުހުންގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ފުލުހުންގެ ވަޒީފާއިން ވަކިކުރަން ލަފާދީފައިވާ މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކުރަން ނޯޓިސް ފޮނުވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނޯޓިސްގެ މުއްދަތު އަންނަ މަހުގެ ތެރޭގައި ހަމަވެ ޖަމްޝީދާއި އަހްމަދު މުހައްމަދު ވަޒީފާއިން ވަކިވާނެއެވެ.
ފުލުހުންގެ އާގާނޫނުގައި ބުނާ ގޮތުގައި އާގާނޫނު ފާސްވުމުން ފުލުހުންގެ ހިދުމަތުގައި ތިބި ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިންޓެންޑެންޓް އިން ފެށިގެން މަތީ ރޭންކްތަކުގެ އޮފިސަރުން، ފުލުހަކަށް ވީތީ އެ މީހުންނަށް ލިބިދީފައިވާ ބާރާއި އިހްތިޔާރު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭތޯ ފުލުހުންގެ ބޯޑުން ބަލަން ޖެހޭނެއެވެ.
ޖަމްޝީދު އަދި އަހްމަދު މުހައްމަދުގެ އިތުރުން ފުލުހުންގެ ލީޑަޝިޕުން އެއްފަރާތްކުރަން ބޯޑުން އަންގާފައި ވަނީ އެސިސްޓެންޓް ކޮމިޝަނާ ފަރުހާދު ފިކުރީ އާއި ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ޝުހާދާއި ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.
ނަމަވެސް ވަޒީފާއިން ވަކިކުރަން ލަފާދީފައި ދެން ތިބި އޮފިސަރުން މަގާމުން ވަކިކުރުމާ މެދު ކޮމިޝަނަރު އަދި ގޮތެއް ނިންމާއެއް ނުވެއެވެ.
މި އޮފިސަރުންނަށް ކުރެވުނު ތުހުމަތުތައް، ފުލުހުންގެ ހިދުމަތުގެ އާ ގާނޫނުގެ ދަށުން އެކުލަވާލި ޕޮލިސް ބޯޑުން ބަލައި ފިޔަވަޅު އަޅަން ލަފާ ދެއްވީ މިދިޔަ އޮގަސްޓް 9ގައެވެ.
އަހްމަދު މުހައްމަދު އާއި ޖަމްޝީދު ވަކިކުރުމުގެ މަރުހަލާތައް ފެށުމުގެ ނޯޓިސް މި ފޮނުއްވީ، ބޯޑުން ނިންމިތާ މަހަކަށް ވުރެން ގިނަ ދުވަސް ފަހުންނެވެ.
ފުލުހުންގެ ގާނޫނު މަޖިލީހުން ފާސް ކުރުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ ޑިސެމްބަރު 27 ގައެވެ. އެ ގާނޫނަށް އަމަލު ކުރަން ފެށީ މާޗް 27 އެވެ.