ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަތީ ސާނަވީއަށް ކިޔަވައިދިނުމަށް ފުރުސަތުދެވޭ ސިޔާސަތަށް ގެނައި ބަދަލާ ގުޅިގެން ކުރިން އޭލެވެލް ކިޔަވައިނުދޭ އަތޮޅުތަކުގައި ވެސް މިހާރު އޭލެވެލްއަށް ކިޔަވައިދޭން ފަށާފައިވާ ކަމަށެވެ.

އެގޮތުން ވ. އަތޮޅުގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރިކުރެއްވުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ކެޔޮދޫއަށް ވަޑައިގެންފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. މިނިސްޓްރީން ބުނީ މިނިސްޓަރު ކެޔޮދޫއަށް ވަޑައިގަތުމުން އެރަށުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.

މިނިސްޓަރުގެ އަރިހުގައި ސްޓޭޓް މިނިސްޓަރު ފާތިމަތު ނަސީރު، ސްޓޭޓް މިނިސްޓަރު އާތިޔާ ނަސީރު އަދި މިނިސްޓްރީގެ އިސް ފަރާތްތަކުން ބައިވެރިވެ ވަޑައިގެންނެވި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓަރު ޑރ. އާއިޝަތު އަލީ ކެޔޮދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާ ކިޔުން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިނިސްޓްރީން ބުނީ ކެޔޮދޫ ސްކޫލުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކެޔޮދޫ ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ގާސިމް، ވ. އަތޮޅު ކައުންސިލް އަދި ކެޔޮދޫ ރަށު ކައުންސިލުގެ އިސް ފަރާތްތަކުން ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

ދިވެހިރާއްޖޭގައި މިހާރު އޭލެވެލްއަށް ކިޔަވައިދޭ ސަރުކާރު 34 ސްކޫލެއްގައި ޖުމްލަ 1173 ދަރިވަރުން ތައުލީމު ހާސިލްކުރަމުން ގެންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.