ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ދެއްވަން ނިންމަވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅިވެފައި ވަނީ ސާފް ޗެމްޕިއަންޝިޕް 2021 ގެ ކުރިން ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރެއްވުމަށް މިއަދު މެންދުރުފަހު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ގައުމީ ޓީމާ މުހާތަބްކުރައްވާ ރައީސް ވަނީ ރާއްޖެއަކީ ފުޓުބޯޅައަށް ލޯބިކުރާ ގައުމެއް ކަމަށާ، ދިވެހިންގެ އުންމީދުތައް ގުޅިފައިވަނީ ދިވެހި ފުޓްބޯޅަ ޓީމު މި މުބާރާތް ކާމިޔާބުކުރުމުގެ މައްޗަށް ކަމަށް ހާމަކުރައްވާފައެވެ. އަދި މި ސަރުކާރު ވެރިކަމާ ހަވާލުވީއްސުރެ އެއްވެސް ކުޅިވަރެއް ބާކީ ނުކޮށް ކުޅިވަރުތަކާ ކުޅިވަރު އިންފްރާސްޓްރަކްޗާތައް ތަރައްގީކުރުމަށް އިސްކަންދެއްވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހު، ގައުމީ ފުޓްބޯޅަ ޓީމާ ބައްދަލުކުރެއްވުމުގެ ތެރެއިން / ފޮޓޯ: ރައީސް އޮފީސް

އެގޮތުން، ގައުމީ ފުޓްބޯޅަ ދަނޑަށް ބޭނުންވާ ހިދުމަތްތަކާއެކު ޒަމާނީ ފެންވަރަކަށް ތަރައްގީކުރުމުގެ ޕްލޭނެއް އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވަނީ ކޮވިޑް-19 ގެ ސަބަބުން އެހެން ހުރިހާ ކަމަކަށް އަސަރުކުރި ފަދައިން ފުޓްބޯޅައަށް ވެސް އޭގެ އަސަރުކޮށްފައިވާ ކަމަށް ވިދާޅުވެ، މި ލިބުނު ކުޑަ މުއްދަތު ތެރޭގައި ގައުމީ ޓީމު މި މުބާރާތަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން ވެސް އެމަނިކުފާނު ވަނީ ކުޅުންތެރިންނަށް ހިތްވަރުދެއްވުމުގެ ގޮތުން މުބާރާތް ކާމިޔާބުކުރުމުން ސަރުކާރުން ކުޅުންތެރިންނަށް ދެމުން އައި އިނާމުގެ ފައިސާގެ އަދަދު މީގެ ކުރިން ބޮޑުކޮށްފަވާކަމަށް ވިދާޅުވެ، އިތުރު ހިތްވަރެއްގެ ގޮތުން މޮޅުވާ ކޮންމެ މެޗަކަށް ބޯނަސް ހަދިޔާއެއް ދެއްވުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

މިއީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ބާއްވާ 13 ވަނަ ފަހަރެވެ. އަދި މީގެ ކުރިން ރާއްޖެއިން ވަނީ 2008 އަހަރާ، 2018 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ.