ކުޑަ މަސައްކަތެއް ކޮށްގެން މާދަމާ ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފުރަތަމަ މެޗު ބަލާލަން ޓިކެޓެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫއިން ބުނީ މި ފުރުސަތުގައި ނަސީބުވެރި ދެ ފަރާތަކަށް މާދަމާ ރޭގެ މެޗު ހިލޭ ބަލާލުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އުރީދޫއިން ބުނީ، އެ ޕްރޮމޯޝަންގައި ބައިވެރި ވުމަށްޓަކައި، އުރީދޫގެ ސޯޝަލް މީޑިއާއަށް ލައިފައިވާ ވީޑިއޯ އިން ފެންނަ ބޯޅަ، އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ލޯގޯއާ ދިމާވުމުން ސްކީރީންޝޮޓެއް ނަގާ، އިންސްޓަގްރާމް، ޓްވިޓާ ނުވަތަ ފޭސްބުކް މެދުވެރިކޮށް، ހޭޝްޓެގް އުރީދޫ ސާފް ޗެމްޕިއަންޝިމް ޖެހުމަށް ފަހު ސްކްރީންޝޮޓް ޕޯސްޓު ކުރާނީ ކަމަށެވެ.

އެ ސްކްރީންޝޮޓު އަޕްލޯޑު ކުރާއިރު އުރީދޫއަށް ފެންނާނެހެން ޕަބްލިކްކޮށް ފޮޓޯ ލުމަކީ ސަމާލުކަން ދޭން ޖެހޭ ކަމެއް ކަމަށް އުރީދޫއިން ބުންޏެވެ.

އެ ޕޮރޮމޯޝަން ކުރިއަށް ގެންދަނީ މިއަދު ހަވީރު ހަތަރެއް ޖެހުމާ ހަމައަށެވެ.

އެ ޕްރޮމޯޝަންގައި ނަސީބުވެރި ދެ މީހަކު ހޮވާ، ކޮންމެ މީހަކަށް ދެ ޓިކެޓު ދޭން ވަނީ ހަމަޖެހިފައެވެ. އެއީ މާދަމާ ރޭ ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗަށް ވަނުމަށް ދޭ ޓިކެޓެވެ.

މާދަމާ ގަލޮޅު ދަނޑުގައި ފަށާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގެ ޓައިޓަލް ސްޕޮންސަރަކީ އުރީދޫއެވެ.

މީގެ ކުރިން ރާއްޖެއާއި ލަންކާ ގުޅިގެން 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ފަހު، މިއީ ހަމައެކަނި ރާއްޖޭގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދަނީ ލީގު އުސޫލުންނެވެ. އެއީ މިފަހަރުގެ މުބާރާތުގަ ޕާކިސްތާނާއި ބޫޓާނަށް ވާދަ ނުކުރެވޭތީއެވެ.

ރާއްޖެ ވަނީ ދެ ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގައެވެ. އެ ދެ ފަހަރުވެސް ރާއްޖެ މުބާރާތް ކާމިޔާބު ކުރީ ފައިނަލުގަ އަވަށްޓެރި އިންޑިއާ އާ ވާދަކޮށްގެންނެވެ.