ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނި މީހާގެ މައްޗަށް ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ފޮނުވައިފިއެވެ.

ފީޖީއިން ބުނީ މިއަދު ދައުވާކޮށްދިނުމަށް އެދި ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ މއ. ރެސްޓިންހައުސް، މުހަައްމަދު އިނާދު (42) އ ގެ މައްޗަށް ކަމަށެވެ.

އިނާދުގެ މައްޗަށް ދައުވާ ކޮށްދިނުމަށްއެދި ޕީޖީއިން މިއަދު ފޮނުވީ ޓެރަރިޒަމް މަނާ ކުރާ ޤާނޫނުގެ ގެ 13 ވަނަ މާއްދާގެ (ހ) އާއި، 4 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާއި، 4 ވަނަ ނަންބަރާއި، 6 ވަނަ ނަންބަރާ ހަވާލާދީ، 13 ވަނަ މާއްދާގެ (ނ) ގެ ދަށުން، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުން ނުވަތަ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.

ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެ ކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން ކޯޓް އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހުއެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ ހަތަރު އަހަރާއި ހަ އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި އިންޒާރާ ގުޅިގެން އިންޑިއާ ހައިކޮމިޝަނާއި ޗައިނާ އެމްބަސީގެ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ.

ސޯޝަލް މީޑިއާގައި އަދި އެ ނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ މީހުން އެ ކުރަނީ ޖިނާއީ ކުށެއް ކަމަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. އަދި އެފަދަ އަމަލުތައް ހިންގާ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް މި މައްސަލައާއި ގުޅިގެން ފުލުހުން ވަނީ ދީފައެވެ.