ޓިކެޓް ކައުންޓަރުތައް ކައިރީގަ މީހުން ގިނަވެ، ސާފް ޗެމްޕިއަންޝިޕްގެ މެޗްތައް ބަލަން ޓިކެޓް ނަގަންދާ ފަރާތްތަކުން އެ ސަރަހައްދުގައި ކިޔޫ ދަމާލައިފިއެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބަލަން ޓިކެޓު ހޯދަން އާންމުން ދަނޑު ސަރަހައްދުގައި ކިޔޫ ހަދާފައި --- ފޮޓޯ: އަލީ ޝަމްއާން / ދަ ޕްރެސް

މިގޮތުން، ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗަށް ޓިކެޓް ގަންނަން އޮލިމްޕަސް ކުރިމައްޗަށް ވާ ގޮތަށް ހުންނަ ކައުންޓަރު ކައިރީގައި ކިޔޫ ހަދާލާފައި ވާއިރު، ބަންގްލަދޭޝް އާއި ލަންކާ ކުޅޭ މެޗަށް ޓިކެޓު ގަންނަން ނިއުރޭޑިއަންޓް ކްލަބްގެ ސަޕޯޓަރުންގެ ގޮނޑިބަރީގެ ފަހަތުގައި ހުންނަ ކައުންޓަރު ކައިރީގަވެސް ކިޔޫއެއް އެބަ އޮތެވެ.

ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ބަލަން ޓިކެޓު ހޯދަން އާންމުން ދަނޑު ސަރަހައްދުގައި ކިޔޫ ހަދާފައި --- ފޮޓޯ: އަލީ ޝަމްއާން / ދަ ޕްރެސް

ޓިކެޓުގެ އަގުތައް

  • ގޮނޑިބަރި: 100ރ.
  • ސިޑިބަރި: 75ރ.

ހުކުރު ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ލަންކާ އާއި ބަންގްލަދޭޝް ކުޅޭއިރު، ދެވަނަ މެޗުގައި ކުޅޭނީ ރާއްޖެ އާއި ނޭޕާލެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނާއި ބޫޓާނަކަށް ބައިވެރިއެއް ނުވެވެއެވެ. އެހެންކަމުން، މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުޅޭނީ ލީގު އުސޫލުންނެވެ.

މިއަދު މެންދުރު ފަހު 2:00 އިން ފެށިގެން ޓިކެޓު ވިއްކަން ފަށާފައިވާއިރު، އެންމެ ގިނަވެގެންވެސް އެކަކަށް ގަނެވޭނީ ފަސް ޓިކެޓެވެ. ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަކުން އައިޑީ ކާޑާއި، ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިން ފުރިހަމަކޮށްފައިވާ ކަން އަންގައިދޭ ކާޑު ގެންދަން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖެ ވަނީ ދެ ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގައެވެ. އެ ދެ ފަހަރުވެސް ރާއްޖެ މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި އަވަށްޓެރި އިންޑިއާ އާ ވާދަކޮށްގެންނެވެ.