މިއަދު މެންދުރު 2:00 އިން ފެށިގެން މާދަމާ ރޭގަނޑު 11:00 ޖަހަންދެން، ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ދުވަހު ކުޅޭ ދެމެޗުގެ ޓިކެޓުތައް ވިއްކާނެ ކަމަށް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފިއެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިއަދު މެންދުރު 2:00 އިން ފެށިގެން ޓިކެޓުތައް ވިއްކަން ފަށާނެ ކަމަށެވެ. އެހެންކަމުން ޓިކެޓު ގަންނަން އަންނަ ފަރާތްތަކުން އައިޑީ ކާޑާއި ވެކްސިން ކާޑު ގެނައުމަށް ބައްސާމް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިފަހަރު ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ރާއްޖޭގެ ގަލޮޅު ދަނޑުގައި ބާއްވާއިރު، މެޗުތައް ބަލަން ވަދެވޭނީ ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި ހާފްޓައިމްގަ ދަނޑުން ނުކުތުމަކީ މަނާ ކަމެކެވެ.
ކޮންމެ މީހަކަށްވެސް ގިނަވެގެން ގަނެވޭނީ ފަސް ޓިކެޓެވެ. ޓިކެޓުތައް ގަންނަ ފަރާތްތަކުން ވެކްސިން ކާޑާއި އައިޑީ ކާޑު ކައުންޓަރަށް ހުށަހަޅަން ޖެހޭއިރު މިފަހަރުގެ ޓިކެޓުގައި ސަލާމަތީ ފީޗާތަކެއް އެކުލެވިގެން ވެއެވެ.
އަންނަ މަހުގެ ފުރަތަމަ ދުވަހުން 16 ގެ ނިޔަލަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ސްރީލަންކާ އާއި ބަންގްލަދޭޝް އެވެ. އަދި ދެވަނަ މެޗުގައި ވާދަކުރާނީ ރާއްޖެ އާއި ނޭޕާލެވެ. ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗުގެ ޓިކެޓުތައް ވިއްކުމަށް ހަމަޖެހިފައިވަނީ އޮލިމްޕަސް ކުރިމަތީގަ ހުންނަ ޓިކެޓް ކައުންޓަރުންނެވެ. އަދި ލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗުގެ ޓިކެޓުގެ ވިއްކާނީ ނިއުރޭޑިއަންޓް ކްލަބްގެ ސަޕޯޓަރުންގެ ގޮނޑިބަރީގެ ފަހަތުގަ ހުންނަ ކައުންޓަރުންނެވެ.
ޓިކެޓުގެ އަގުތައް
- ގޮނޑިބަރި: 100ރ.
- ސިޑިބަރި: 75ރ.
މީގެ ކުރިން ރާއްޖެއާއި ލަންކާ ގުޅިގެން 2008 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ފަހު، މިއީ ހަމައެކަނި ރާއްޖޭގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށް ގެންދަނީ ލީގު އުސޫލުންނެވެ. އެއީ މިފަހަރުގެ މުބާރާތުގަ ޕާކިސްތާނާއި ބޫޓާނަށް ވާދަ ނުކުރެވޭތީއެވެ.
ރާއްޖެ ވަނީ ދެ ފަހަރެއްގެ މަތިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައެވެ. އެއީ 2008 ވަނަ އަހަރާއި 2018 ވަނަ އަހަރުގައެވެ. އެ ދެ ފަހަރުވެސް ރާއްޖެ މުބާރާތް ކާމިޔާބު ކުރީ ފައިނަލުގަ އަވަށްޓެރި އިންޑިއާ އާ ވާދަކޮށްގެންނެވެ.