މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ޝޯރޫމްގެ 5 ވަނަ އަހަރީ ދުވަހާ ގުޅުވާ އެ ކުންފުނިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީއިން ބުނީ ޝޯރޫމަށް 5 އަހަރު ފުރުމާއި ގުޅިގެން ކުރިއަށްދާ ޕްރޮމޯޝަނުގައި ފެން މީޓަރަކުން އަދި ފެން ތަހުލީލުގެ ހިދުމަތުން 10 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.

މި މަހުގެ 28 ވަނަ ދުވަހު ފެށި މި ޕްރޮމޯޝަން މި އަންނަ ނޮވެންބަރު މަހުގެ 30 ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީ ޝޯރޫމަށް 5 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ޝޯރޫމް ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވެެސް ވަނީ ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި ޝޯރޫމުން ދިގު މުއްދަތަކަށް ވިޔަފާރި ކުރަމުންދާ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން، 10 ކަސްޓަމަރަކަށް 10,000 ރުފިޔާގެ ވައުޗާއެއްވެސް ވަނީ ހަދިޔާ ކޮށްފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވެފައިވަނީ އެމްޑަބްލިއުއެސްސީގެ ޝޯރޫމްއަށް 5 އަހަރު ވެގެން ދިޔައިރު، ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ ދިވެހި ރާއްޖޭގެ ސިނާއީ ދާއިރާއާއި ގުޅުންހުރި ގިނަ އުފެއްދުންތަކެއް އެއްފުރާޅެއްގެ ދަށުން ބާޒާރަށް ނެރެ، ދުނިޔޭގައި ނަންހިނގާ މަޝްހޫރު ބްރޭންޑްތައް ދިވެހިންނަށް ވީހާވެސް ކައިރިން ލިބޭނޭގޮތް މަގުފަހި ކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން، ޝޯވްރޫމްގެ ވިޔަފާރި އިތުރަށް ތަރައްގީކޮށް، ކައިރި މުސްތަގްބަލެއްގައި އިތުރު ބްރޭންޑްސްތަކާއި ޕްރޮޑަކްޓްތައް މަގުފަހި ކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝާހް ވިދާޅުވިއެވެ.

އެމްޑަބްލިއުއެސްސީގެ ޝޯރޫމްގެ ހިދުމަތް ސެޕްޓެންބަރު، 28، 2016ގާ ދޭން ފެށުމާއިއެކު ޓްރޭޑިންގެ ދާއިރާއިން ވަނީ ކުރިއެރުންތަކެއް ހޯދާފައެވެ.