އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަދި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ގަތަރަށް ވަޑައިގެންފިއެވެ.

މި ދަތުރުގެ މައުލޫމާތު ސަރުކާރުން އަދި ހާމަނުކުރި ކަމުގައި ވީނަމަވެސް، ދެ މިނިސްޓަރުންގެ އިތުރުން ޗީފް އޮފް ސްޓާފް ގަތަރުގެ ފިނޭންސް މިނިސްޓަރު އަލީ ބިން އަހުމަދު އަލް ކުވާރީއާ ބައްދަލުކުރެއްވި ކަމަށް އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ޓްވީޓުން ވަނީ ހާމަވެފައެވެ. މި ބައްދަލުވުމުގެ ފޮޓޯއެއް ޓުވީޓުގައި ހިއްސާކޮށް، ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރިކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރުން، ގަލްފް ޓައިމްސްގައި ބުނެފައިވާ ގޮތުގައި ފައްޔާޒާއި އަލީ ޒާހިރު ވަނީ ގަތަރުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ.

ގަތަރުގެ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފަސްޓް ވައިސް ޗެއާމަން މުހައްމަދު ބިން އަހުމަދު ބިން ތުވާރު އަލް ކުވާރީއާއެކު ބޭއްވި މި ބައްދަލުވުމުގައި އޭނާ ވަނީ ރާއްޖެ އާއި ގަތަރުގެ އަމިއްލަ ވިޔަފާރިތަކުން ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެ ފަދަ ރަހުމަތްތެރި ގައުމުތަކުގައި ގަތަރުގެ ވިޔަފާރިވެރިން އިންވެސްޓުކުރަން ޝައުގުވެރިކަން ހުރިކަން ފާހަގަކުރެއްވި ކަމަށް ވެސް ގަލްފް ޓައިމްސްގައި ވަނީ ބުނެފައެވެ. މީގެ އިތުރުން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ގަތަރުގެ ވިޔަފާރިވެރިންނަށް އަންގައިދޭން އެ ޖަމިއްޔާ އިން ތައްޔާރަށް އޮތް ކަމަށް ވެސް އެ ޖަމިއްޔާގެ ފަސްޓް ވައިސް ޗެއާމަން ވަނީ ވިދާޅުވެފައެވެ.

މިއާއިއެކު މިނިސްޓާ ފައްޔާޒު ވަނީ ގަތަރާއެކު ގުޅުން ބަދަހިކުރަން ބޭނުންވާކަމަށާއި ރާއްޖޭގެ ޓޫރިޒަމާއި ކާބޯތަކެތި ބަންދުކުރުން ފަދަ ދާއިރާތަކުގައި ގަތަރުގެ ވިޔަފާރިވެރިން އިންވެސްޓްކުރުމަށް ދައުވަތު ދޭކަމަށް ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ފައްޔާޒު ވަނީ ރާއްޖޭގެ އިގްތިސާދު ފުޅާކުރަން ދިވެހި ސަރުކާރުން ގެންގުޅޭ ވިސްނުން ފާހަގަކުރައްވާފައެވެ.