އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެ ފައިސާ ބެހި އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައި ނުވާ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނުނިންމާ ކަމަށާއި އެހެންނަމަވެސް ރައީސް ޔާމީންގެ މައްޗަށް މިހާރު ދައުވާ ކުރާ ޓްރާންސެކްޝަނާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރާނެ ކަމަށް ޝަރީއަތުގައި ޕީޖީން ބުނެފައި ވާނެ ކަމަށެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ، އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި މައްސަލައިގައި އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެގެން ނޮވެމްބަރު 28، 2019 ގައެވެ. ކްރިމިނަލް ކޯޓުގެ އެ ހުކުމަށް ހައި ކޯޓުން ވަނީ ތާއީދު ކޮށްފައެވެ.

މި ހުކުމް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ އިރު، އެ މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ވަނީ ފަށައިފައެވެ.

ޕީޖީ އޮފީހުން ބުނީ އެ ޝަރީއަތުގައި ހިނގަމުންދާ މައްސަލައާ ގުޅިގެން އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރި ކަމުގާ ވީ ނަމަވެސް، އެމްއެމްޕީއާރުސީއާ ގުޅުން ހުރި އެހެން މައްސަލަތަކުގައި އެކަށީގެންވާ ހެކި ހުރެއްޖެ ނަމަ، އެސްއޯއެފްއާ ދެކޮޅަށް ވެސް ދައުވާ ކުރާނެ ކަމަށެވެ. މިއީ ޕީޖީގެ މަގާމާ ހުސެއިން ޝަމީމް ހަވާލުވެވަޑައިގަތުމުގެ ކުރިންވެސް ނިންމާފައި އޮތް ނިންމުމެއް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

ކުރިީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅި ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފީ މައްސަލައިގެ އިއްޔެގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތާ ކުރި ސުވާލަކަށް ޖަވާބުދެމުން ދައުލަތުން ވަނީ މުޅި މައްސަލަ ތަހުގީގުކުރުމަށް އެސްއޯއެފް ކުންފުނީގައި ޝާމިލުވާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާތީ އެ ފަރާތްތަކާ ފަހުން ސުވާލުކޮށްފައިވާ ކަމަށާއި ދައުލަތުން ނިންމާފައިވަނީ އެ ކުންފުނީގެ މައްޗަށް ދައުވާނުކުރަން ކަމަށް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފައެވެ.