ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް އިސްވެ އުފައްދަވާފައިވާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން އެ ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުން މި އަންނަ އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމުތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު، އެމްއެންޕީ އުފެއްދުމަށް ބާއްވާ ބައްދަލުވުން ބޭއްވުމުގެ ހުއްދަ އެ ޕާޓީއަށް މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ދީފައެވެ. އެ ޕާޓީ ރެޖިސްޓްރީކުރުމަށް 5000 އަށްވުރެ ގިނަ ފޯމާއެކު އެ ކޮމިޝަނަށް ހުށަހެޅީ މި މަހުގެ 15 ވަނަ ދުވަހުއެވެ.
މިއަދު އެމްއެންޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއެންޕީގެ މުއައްސިސް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޕާޓީގެ އުފެއްދުމުގެ ބައްދަލުން ކުރިޔަށް އޮތް އޮކްޓޯބަރު މަހުގެ 8 ވަނަ ދުވަހު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފާ ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގެ ފުރަތަމަ ދަންފަޅި އެދުވަހުގެ މެންދުރުފަހު 2 އިން 6 ށް، އަދި ރޭގަނޑު 9 ން ފެށިގެން ރޭގަނޑުގެ ދަންފަޅި ކުރިޔަށް ދާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.
އެބައްދަލުވުމުގައި ޕާޓީގެ ނަމާއި، ލޯގޯ އާއި ދިދަ އަދި ކުލަ ފާސްކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޕާޓީގެ އަސާސީ ގަވާއިދާއި ޕާޓީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލްގެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ޕާޓީ އުފެއްދުމަށް ބާއްވާ ބައްދަލުމުގައި އިންތިހާބުކުރަންޖެހޭ އެމްއެންޕީގެ އިންޓެރިމް އެގްޒެކެޓިވް ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތުވެސް މިއަދު ވަނީ ހުޅުވާލާފާއެވެ. އެ ޕާޓީގެ ރައީސް އާއި 6 ނައިބު ރައީސް އާއި އަންހެނުންގެ ވިންގުގެ ލީޑަރަކާއި ޒުވާނުންގެ ވިންގުގެ ލީޑަރެއްގެ އިތުރުން 21 ކައުންސިލް މެންބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެމްއެންޕީއިން ބުނީ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މި ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އީީމެއިލް އަދި ވައިބާގެ އިތުރުން އެމްއެންފީ އޮފީހަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.