މިދިޔަ ޖުލައި މަހުގެ ކަރަންޓު ބިލް ބޮޑުވުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.

ކަރަންޓު ބިލުތައް ބޮޑުވުމުގެ ސަބަބުން، ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ޝަކުވާ ކޮށްފައެވެ. އެހެންކަމުން ޔޫޓިލިޓީ އޮތޯރިޓީން ވަނީ ޖުލައި މަހުގެ ފަހުކޮޅު، ސްޓެލްކޯ އިން ފޮނުވާފައިވާ ކަރަންޓު ބިލްތަކުގެ މައްސަލަ ބަލަން ފަށާފައެވެ.

ޔޫޓިލިޓީ އޮތޯރިޓީން މިއަދު ބުނީ ބައެއް ކަސްޓަމަރުންގެ ކަރަންޓު ބިލް ބޮޑުވެފައިވަނީ މައިގަނޑު ގޮތެއްގައި ދެ ސަބަބާ ހެދި ކަމަށެވެ. އެއީ:

  • ޖުލައި މަހުގަ ފޮނުވާފައިވާ ބިލަކީ ގާތްގަނޑަކަށް ޖޫން 10 އާއި ޖުލައި 10 އާ ދެމެދު ކަރަންޓު ބޭނުންކޮށްފައިވާ ބިލުތަކެއް ކަމުގައި ވިޔަސް، އެ މަހުގެ ފަހުކޮޅު ބިލު ފޮނުވާފައި އޮތުމުގެ ސަބަބުން އީދު ބަންދުގެ މުއްދަތު ބިލު ކުރި މުއްދަތުގައި ހިމެނިފައި ނެތުން
  • ޖޫން މަހު ލިބިފައިވާ ބިލުތަކުގައި 40 ޕަސެންޓުގެ ޑިސްކައުންޓެއް ސަރުކާރުން ދިން، ނަމަވެސް އެ ޑިސްކައުންޓް ޖުލައި މަހުގެ ބިލުގައި ނުހިމެނުން

އެ އޮތޯރިޓީން އިތުރަށް ބުނީ އީދު ބަންދުގައި ކަސްޓަމަރުން ކަރަންޓު ބޭނުންކުރި ވަރު ޖުލައި މަހުގެ ބިލުތަކުގައި ހިމެނިފައި ނެތުމުން ބިލު ބޮޑުވީ ކަމަށާއި، އެ ބައިތައް ފެންނާނީ އޮގަސްޓު މަހުގެ ކަރަންޓު ބިލްތަކުން ކަމަށެވެ.

ޖުލައި މަހުގެ ކަރަންޓް ބިލު ބޮޑުކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ފެންމަތިވުމާ ގުޅިގެން، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ މީގެ ކުރިން ވިދާޅުވީ ޖުލައި މަހުގެ ބިލު ބޮޑުކަމަށް ދައްކަނީ ޖޫން މަހުގެ ބިލަށް ޑިސްކައުންޓް ދީފައި ޖުލައި މަހުގެ ބިލުގައި އެ ޑިސްކައުންޓް ނުހިމެނޭތީ ކަމަށެވެ.