އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅުވާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، (އެމްއެމްއޭ)ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ، އިބްރާހިމް އާތިފު ޝަކޫރަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މާދަމާއަށް ތާވަލް ކޮށްފިއެވެ.

އާތިފުގެ މައްޗަށް އުފުލައިފައިވާ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 10 ޖަހާއިރު ކްރިމިނަލް ކޯޓުގައެވެ.

އާތިފުގެ މައްޗަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް އަންނާނެ އަދަބަކީ 10،000 ރުފިޔާ އާއި 500،000 ދެމެދުގެ އަދަދަކުން ޖޫރިމާނާ ކުރުން ނުވަތަ އެއް އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ ޖޫރިމާނާ ކުރުމާއެކު ޖަަލަށް ލުމެވެ.

އާތިފުގެ މައްޗަށް ދައުލަތުން ދައުވާ ކުރީ، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމުގައި އޭނާ ހުންނެވި އިރު އެމްއެމްޕީއާރްސީގެ ޗެކަކުން އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާ ކުރި، ޝައްކު ކުރެވޭ މުއާމަލާތެއް ރިޕޯޓު ނުކުރުމުންނެވެ.

ނޮވެމްބަރު 25، 2014 ގައި ކުރި އެ މުއާމަލާތުގައި އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކުރީ 59.45 މިލިއަން ރުފިޔާއެވެ. އެ މުއާމަލާތަކާ ގުޅިގެން ބީއެމްއެލްއިން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރް) އެއް އެފްއައިޔޫއަށް ފޮނުވުމުން އެ މުއާމަލާތް ބަލައި، އެ މުއާމަލާތުގައި މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ ކަންކަން ހުރި ކަމަށް ބެލެވޭކަން އެފްއައިޔޫއަށް އެނގެން އޮއްވާ، އެ ޔުނިޓުން އެކުލަވާލި ރިޕޯޓުގައިވާ މައުލޫމާތު ތަހުގީގު ކުރާ އިދާރާއަކަށް ފޮނުވާފައެއް ނުވެއެވެ.

އާތިފު އެފްއައިޔޫގައި މަސައްކަތް ކުރެއްވީ 2014 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން، 2015 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އަދި 2015 ވަނަ އަހަރުގެ ޖޫން މަހު، އޭނާ އިސްތިއުފާ ދެއްވީ، އޭރު އެފްއައިޔޫގައި ހިނގަމުން ދިޔަ ކޮރަޕްޝަންގެ އަމަލުތައް ނުހުއްޓުވޭނެ ކަމުގެ ޔަގީން ކަން ލިބިވަޑައިގަތުމުން، އެފަދަ މަގާމެއްގައި ހުންނަވައިގެން، މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެއްވޭނެތީ، އެފަދަ ވަޒީފާއަކުން މުސާރަ ނުނެންގެވުމަށް ކަމަށް "ދަޕްރެސް" އަށް މީގެކުރިން އާތިފު ވަނީ ވިދާޅުވެފައެވެ.