މާލޭގެ މަގުތަކުގައި ކުނި ކޮތަޅުތައް ބަހައްޓާ މައްސަލާގައި އެކަން ކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު އޮތީ އެންވަޔަރަމަންޓް މިނިސްޓްރީއަށް ކަމަށާއި، ސިޓީ ކައުންސިލަށް ފިޔަވަޅު އެޅޭނީ މިނިސްޓްރީން ކައުންސިލަށް އެ ބާރު ދިނުމުން ކަމަށް، މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭގެ މަގުތަކަށް ކުނި ކޮތަޅުތައް ނެރެ، މަގުމަތިން ކޮތަޅުތައް ނަގާ ގޮތަށް، އެ ހިދުމަތްދޭ ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން އަމަލުކުރަން ފެށީ މިދިޔަ އަހަރު، ކޮވިޑް-19 ގެ ސަބަބުން، މުވައްޒަފުންނާއި އާންމުންނާ ދެމެދު އޮންނަ ކޮންޓެކްޓް މަދުކުރުމުގެ ގޮތުންނެވެ. ނަމަވެސް މާލެއިން ކޮވިޑުގެ ކޭސްތައް މަދުވެ، އާންމު ހާލަތަށް ރުޖޫއަވެފައި ވާތީ، މިމަހުގެ 15 އިން ފެށިގެން ވެމްކޯ އިން އަންނަނީ ގޭގެއަށް ވަދެ، ފްލޯތަކުން ކުނި ނަގަމުންނެވެ.

ނަމަވެސް މާލޭގެ ބައެއް ގެތަކުން އަދިވެސް ވެމްކޯގެ ހިދުމަތުގައި ރަޖިސްޓްރީވެފައި ނުވާތީ، އެ ގެތައް ރަޖިސްޓްރީ ކުރުމަށް އެ ކޯޕަރޭޝަނުން ވަނީ މިމަހުގެ ނިޔަލަށް މުއްދަތު އިތުރުކޮށްފައެވެ. ނަމަވެސް ރަޖިސްޓަރީ ވުމެއް ނެތި މަގުމައްޗަށް ކުނި ނެރެ ބަހައްޓާކަން ފާހަގަ ކުރެވޭ އިރު އެކަން ކުރާ މީހުންގެ ތެރޭގައި ދިވެހިންނާއި މާލޭގެ ތަންތަންކޮޅު ހިފައިގެން އުޅޭ ބިދޭސީން ގިނަކަން ފާހަގަ ކުރެވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މައްޗަންގޯޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވީ މާލޭގެ މަގުތަކުގައި ކުނި ނެރެ، ބެހެއްޓުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށާއި، ނަމަވެސް ކައުންސިލަށް ފިޔަވަޅު އެޅޭނީ އެންވަޔަރަމަންޓް މިނިސްޓްރީން އެ ބާރުތައް ކައުންސިލަށް ދީގެން ކަމަށެވެ.

ޒަމީރު ވިދާޅުވީ މަގުމަތީގައި ކުނި ކޮތަޅު ބެހެއްޓުން މަދު ކުރުމަށާއި، މަގުމަތި ސާފުކޮށް ބޭއްވުމަށްޓަކައި ސިޓީ ކައުންސިލުން ދަނީ މީހުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ބައެއް ފަރާތްތަކުން ކުނި ކޮތަޅުތައް ހިފައިގެން ވެމްކޯގެ ސަރަހައްދަށް ގޮސް ކުނި އުކާލާކަން ފާހަގަކުރައްވާ، ޒަމީރު ވިދާޅުވީ އެ ސަރަހައްދަށް އާންމުންގެ މީހުން ގޮސް ކުނި އުކާލާއިރު، އާންމުންގެ އަތުން ވެމްކޯ އިން ވަކި ވަރެއް ނަގާ ކަމުގެ ޝަކުވާ ލިބޭ ކަމަށެވެ. އަދި މިއީ އެހެން ރަށްރަށުން އަމަލުކުރާ ގޮތެއް ނޫން ކަމުގައިވެސް ޒަމީރު ވިދާޅުވިއެވެ.

ވެމްކޯ އިން ބުނީ އެ ކޯޕަރޭޝަނުން މިހާރު ކުނިތައް ނަގަމުންދަނީ ހާއްސަ އުސޫލަކުން، ސަރުކާރުން އަންގައިގެން ކަމަށެވެ. ނަމަވެސް މިމަސް ނިމުމަށް ފަހު، މަގުތަކުގައި ބަހައްޓާ ކުނިކޮތަޅުތައް ނަގަމުން ދާނީ އެހެން އިދާރާތަކުން ކަމުގައިވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.