އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ޖަމާކޮށް އެކި ފަރާތްތަކަށް އެ ފައިސާ ބެހި އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ނިންމައިފިއެވެ.
އެސްއޯއެފް ކުންފުނީގެ މައްޗަށް ދައުވާ ނުކުރަން ދައުލަތުން ނިންމާފައިވާކަން ހާމަވެފައިވަނީ ކުރިިގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެއްޖެކަމަށް ކުރިމިނަލް ކޯޓުން ކަނޑައެޅި ހުކުމް ހައިކޯޓުން ދެމެހެއްޓުމާ ގުޅިގެން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފީ މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދައުލަތާ ކުރި ސުވާލުތަކަށް ދައުލަތުން ދިން ޖަވާބުތަކުންނެވެ.
ފަނޑިޔާރުންގެ ބެންޗުގައި އިންނެވި ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރު ވަނީ ހިޔާނާތުގެ ފައިސާގެ މުޅި މުއާމަލާތްތައް ހިންގި އެސްއޯއެފްގެ އެކައުންޓްގައި ހުރީ ހަމައެކަނި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާތޯއާ އެސްއޯއެފްއާ މެދު އެއްވެސް ތަހުގީގެއް ހިނގާފައިވޭތޯ ސުވާލުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ އެސްއޯއެފަކީ އެ މައްސަލާގައި އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑާކުރަން ބޭނުންކުރި ވެހިކަލް ކަމަށާ އެ މައްސަލައިގެ ތަހުގީގު ފެށުނުއިރު އެ ކުންފުނީގައި ޝާމިލުވާ ފަރާތްތައް ރާއްޖޭގައި ނެތުމުން އެ ފަރާތްތަކާ އެއިރު ތަހުގީގުގައި ސުވާލުކުރެވިފައިނުވާ ކަމަށެވެ.
ނަމަވެސް މުޅި މައްސަލަ ތަހުގީގުކުރުމަށް އެސްއޯއެފް ކުންފުނީގައި ޝާމިލުވާ ފަރާތްތަކުގެ އެއްބާރުލުން ބޭނުންވާތީ އެ ފަރާތްތަކާ ފަހުން ސުވާލުކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ހަމައެހެންމެ ދައުލަތުން ނިންމާފައިވަނީ އެ ކުންފުނީގެ މައްޗަށް ދައުވާނުކުރަން ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
އެސްއޯއެފްގެ މައްޗަށް ދައުވާ ނުކުރަން ނިންމާފައިވަނީ އެމްއެމްޕީއާރުސީ ކޮރަޕްޝަންގެ ފައިސާ ދައުރު ވި ގޮތުގެ ތެރެއިން ފެންނަން އޮތީ ހަމައެކަނި ޗެކުތަކުން ދައުރުކުރި ފައިސާ ކަމަށް ދައުލަތުން ބުނއެވެ.
އެހެންނަމަވެސް އިތުރު ގޮތްތަކަށް ފައިސާ ދައުރު ކުރި ގޮތް ދެނެގަނެ އެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ މުހިއްމު ކަމެއް ކަމުގައި ދައުލަތަށް ގަބޫލު ކުރެވުނު ކަމަށާ، އެކަން ކުރެވެން އޮތީ އެސްއޯއެފްގައި ހިމެނޭ ފަރާތްތަކުން ދޭ އެއްބާރުލުމާއި ހެކިބަހުގެ މައްޗަށް ބިނާ ކޮށްގެން ކަމަށް ވުމުން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ.
އެކުން ފުންނި އެއީ ދައުވާ ނުކުރެވޭ ނެ ކުންފުންޏެއް މީއަރަތެއް ހަމައެކަނި ޔާމީން އަށް ހުރިހާކަމެއް ހަވާލު ކުރީމާ ނިމުނީ ސަދޫމު ފަޑިޔާރުގޭގައި ތިބިމީހުން މިއަދުތިހެން އުޅެވިދާ މާދަމާ ތިކަން އަރާހަމަކުރާނެ އިންޝާﷲ ސަލާމަތެއް ނުވެވޭނެ