ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުގެ ހުށަހެޅުންތައް ނިމިއްޖެނަމަ އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި އެމަނިކުފާނު ކަފާލާތުން ދޫކޮށްލުމާ މެދު ގޮތެއް ނިންމާނެ ސުޕްރީމް ކޯޓުގައި މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން ހާމަކޮށްފިއެވެ.

ސުޕްރީމް ކޯޓަށް ޔާމީންގެ ފަރާތުން އިސްތިއުނާފީ 22 ނުކުތާއެއް ހުށަހަޅާފައިވާއިރު އެ ހުށަހެޅުންތައް އިއްވާ ނިމުނީ ހަތަރު ދުވަހުން ބޭއްވި ފަސް އަޑުއެހުމެއްގައެވެ.

ފަސް އަޑުއެހުމެއްގައި ހުށަހެޅި އެ ނުކުތާތަކަށް ދައުލަތުން ޖަވާބުއަރުވާފައިވަނީ އެންމެ އަޑުއެހުމެއްގައެވެ. މިއަދު ބޭއްވި އަޑުއެހުމުގައި އިސްތިއުނާފު ކުރާ ފަރާތަށާ ދައުލަތަށް ވެސް ވަނީ ރައްދު ދޭން ފުރުސަތު ދީފައެވެ.

މިއަދުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވިދާޅުވީ މިއަދުގެ އަޑުއެހުމުގައި ޔާމީން އާ ދައުލަތަށް ދެވޭ ފުރުސަތަށް ފަހު އާ ހެކިތައް ހުށަހަޅަން ޔާމީނަށް ފުރުސަތެއް ދެވޭނެ ކަމަށެވެ.

މި ހުރިހާ މަރުހަލާއެއް މިއަދުގެ އަޑުއެހުމުގައި ނިންމުމަކީ ޝަރީއަތުގެ އަމާޒެއް ކަން ފާހަގަކުރައްވާ ފަނޑިޔާރު މަހާޒް ވިދާޅުވީ އަމާޒު ކޮށްފައިވާ ފަދައިން މިއަދުގެ އަޑުއެހުން ކުރިއަށް ގެންދެވިއްޖެނަމަ، އަންނަ ހޯމަ ދުވަހު ބާއްވާ އަޑުއެހުމުގައި ކަފާލާތުގެ ދަށުން ޔާމީން ދޫކޮށްލުމާމެދު ގޮތެއް ނިންމާނެ ކަމަށެވެ. އަދި ޔާމީންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން ފަސް ކުރުމާ މެދު ވެސް ގޮތެއް ނިންމާނެ ކަމަށް ފަނޑިޔާރު މަހާޒް ވިދާޅުވިއެވެ.

ޔާމީނުގެ މައްޗަށް ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މަނީ ލޯންޑާ ކުރި ކަމުގެ ކުށް ސާބިތު ވުމުންނެވެ. މި ކުށް ސާބިތުވެ ޔާމީނުގެ މަށްޗަށް ކްރިމިނަލް ކޯޓުން ވަނީ، ނޮވެމްބަރު 29، 2019 ވަނަ ދުވަހު 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފައެވެ.

ކްރިމިނަލް ކޯޓުން ކުރި މި ހުކުމް އިސްތިއުނާފް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިގެންފައި ވަނީ މިދިޔަ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ.

ޔާމީނުގެ މައްޗަށް މި މައްސަލައިގެ އިތުރުން އިތުރު ދައުވާތަކެއް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް މަނީ ލޯންޑިރިންއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ކޮށްފައެވެ. މި ދައުވާތަކަށް ރައީސް ޔާމީން ގެންދަވަނީ އިންކާރު ކުރައްވަމުންނެވެ.