ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ގިނަ މެމްބަރުން އެމްޑީޕީގެ ދާއިރާތަކަށް ހޮވިގެން ދިއުމަކީ ރާއްޖޭގެ ސިޔާސީ މަސްރަހަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ސިފަ ކުރައްވައިފިއެވެ.

އެމްޑީޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ދާއިރާތަކުގެ އިންތިޚާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ވަނީ ނަޝީދުގެ ފެކްޝަނުގެ މައްޗަށް ކުރި ހޯދާފައެވެ. އެގޮތުން އެމްޑީޕީގެ 97 ދާއިރާގެ ތެރެއިން ރައީސްގެ ފެކްޝަނުން 65 އަށް ވުރެ ގިނަ ގޮޑި ނަންގަވާފައިވާ ކަމަށް ވަގުތީ ނަތީޖާތަކުން ދައްކައެވެ.

ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރާ ގިނަ މެމްބަރުން ވަނީ އެމްޑީޕީގެ ދާއިރާތަކަށް ހޮވިފައިވާ ކަމަށާއި، އެހެންކަމުން މިއީ ރާއްޖެއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

ނަޝީދަށް ތާއީދުކުރާ ކެންޑިޑޭޓުން ދިޔައީ ބަރުލަމާނީ ނިޒާމް ގެނައުމަށް ވަކާލަތު ކުރަމުންނެވެ. ނަމަވެސް، ރައީސަށް ތާއީދުކުރާ ކެންޑިޑޭޓުން ވަނީ ބަރުލަމާނީ ގެނައުމާ ދެކޮޅަށް ވަކާލާތު ކޮށްފައެވެ. ކެމްޕޭން ޕޯސްޓަރުތަކުގައި ވެސް ނަޝީދަށް ތާއީދު ކުރާ ކެންޑިޑޭޓުން ބޭނުންކުރީ ބަރުލަމާނީ ނިޒާމުގެ ޝިއާރެވެ.

އެމްޑީޕީގެ އެތެރޭގެ މި އިންތިހާބުގެ ނަތީޖާ އާއި ކުރިއަށް އޮތް ރިޔާސީ އިންތިހާބާއި ވަނީ ގުޅިފައެވެ. ރައީސްގެ ފެކްޝަނުން މި އިންތިހާބު ކާމިޔާބު ކުރި ކަމަށް ނަތީޖާތަކުން ދައްކާއިރު، ކުރިއަށް އޮތް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނީ ރައީސް ކަމަށް އެކަށީގެންވާ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

ރައީސްގެ ފެކްޝަނުން ވަނީ މި އިންތިޚާބުގައި މުހިންމު ގޮނޑިތަކެއް ނަގާފައެވެ. އެގޮތުން މަތި ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ހޮވިވަޑައިގަތް އިރު، މެދު ދެކުނު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަކުރެއްވި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާއި، މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ވާދަ ކުރެއްވި ޔޫތު މިނިސްޓަރު އަހުމަދު މަޚްލޫފާއި، ލ. ގަމު ރައީސްކަމަށް ވާދަކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވަނީ އެ ދާއިރާތަކުގެ ގޮނޑިތައް ހޯއްދަވާފައެވެ.