ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޕާކިސްތާނުގެ ކޯޅުން، މިހާރު ކުރިއަށްދާ އދގެ 76 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގެ ތަޅުމަށް ބަންޑުން ކޮށްލައިފިއެވެ.

އިންޑިއާއާއި ޕާކިސްތާނުގެ ހަތުރުވެރި ބަސްމަގުގެ ހަމަލާ ބަދަލު ކުރުންތައް ފެށިގެން އައީ، އިންޑިއާގައި މިހާރު އޮތް ވެރިކަމަކީ މުސްލިމުންނާ ދެކޮޅަށް ހިންގާ "ޓެރަރިސްޓް ވެރިކަމެއް" ކަން ދޭހަވަފަދަ މޭރުމަކުން، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން، ވާހަކަފުޅު ދެއްކެވި ހިސާބުންނެވެ.

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމާ ގުޅިގެން ހައިބްރިޑް އުސޫލުން ކުރިއަށް ގެންދާ އދގެ އާންމު މަޖިލީހުގެ އިސްވެރިންގެ ބަހުސްގައި ވީޑިއޯ މެދުވެރި ކުރައްވާ ތަގުރީރު ކުރައްވަމުން އިމްރާން ވަނީ، އިންޑިއާގެ މުސްލިމުން "ނެތިކޮށްލާ، ދޮވެލުމަށް"، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ސިޔާސަތެއް ގެންގުޅުއްވާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ.

ބައިނަލްއަގުވާމީ ފެންވަރުގައި ކުރިމަތިލާން ޖެހިފައިވާ ގިނަ ކަންތައްތަކަކާ ބެހޭ ގޮތުން ތަގުރީރު ކުރައްވަމުން ގެންދެވި އިމްރާން، އެންމެ ހަރުކަށި ހަމަލާތަކެއް އަމާޒު ކުރެއްވީ، އިންޑިއާއަށެވެ. ވަކިން ހާއްސަކޮށް، ބޮޑުވަޒީރު މޯދީގެ ސަރުކާރަށެވެ. އެގޮތުން، އިސްލާމް ދީނާ މެދު ބިރުވެރިކަމާއި ނަފްރަތު އުފެއްދުމުގެ ވެރިކަމެއް އެންމެ ފުޅާ ދާއިރާއެއްގައި ފަތުރަމުން ދަނީ އިންޑިއާގައި ކަމަށް އިމްރާން ވަނީ ތުހުމަތު ކުރައްވާފައެވެ.

އެތައް ބިލިއަން ޑޮލަރެއްގެ ވިޔަފާރީ މަޝްރޫއު، އިންޑިއާގައި ހިންގުމުގެ މަސްލަހަތު އޮތް ފަރާތްތަކުން، އިންސާނީ ހައްގުތަކަށް އިންޑިއާއިން ކުޑައިމީސް ކުރަން ދޫކޮށްލައިގެން ތިބި ކަމަށްވެސް އިމްރާން ވަނީ ތުހުމަތު ކުރައްވާފައެވެ. އިމްރާން މި ރޫހުގައި ވާހަކަދެއްކެވި ދަނޑިވަޅަކީ، އެމެރިކާގެ ރައީސް ޖޯ ބައިޑަންއާއި މޯދީ ބައްދަލު ކުރެއްވި ދަނޑިވަޅެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދގެ މަރުކަޒީ އިދާރާގައި ތަގުރީރު ކުރައްވަމުން، މޯދީގެ ހަމަލާތައް ޕާކިސްތާނަށް އަމާޒު ކުރެއްވީ ނުސީދާ ގޮތެއްގައެވެ. އަފްގާނިސްތާނުގައި މިހާރު ހިނގަމުން ދާ ކަންކަމަށް ރިއާޔަތް ކުރައްވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވަނީ، އަފްގާނިސްތާނުގައި އުފެދިފައިވާ ނާޒުކު މަސްރަހުގެ ނާޖާއިޒް ފައިދާ، އެއްވެސް ގައުމަކުން އަމިއްލަ މަސްލަހަތަށްޓަކާ، ނަގައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. މިއީ ޖިއޮގްރަފީ ގޮތުން، އިންޑިއާއާއި އަފްގާނިސްތާނާ ދެމެދު އޮތް ޕާކިސްތާނަށް އަމާޒު ކުރެއްވި ހަމަލާއެކެވެ.

އދގެ އާންމު މަޖިލީހުގައި ޕާކިސްތާނުން ދޭ ހަމަލާތައް އިންޑިއާއިން އާންމު ގޮތެއްގައި ރައްދު ދީ ނުއުޅުނު ކަމުގައި ވީ ނަމަވެސް، އިމްރާންގެ ހާންގެ ތުހުމަތުތަކަށް، އިންޑިއާގެ ޒުވާން ޑިޕްލޮމެޓަކު ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން، އދގައި ހުން އިންޑިއާ މިޝަންގެ ފަސްޓް ސެކްރެޓަރީ ސްނޭހާ ޑޫބޭ ވަނީ، ޕާކިސްތާނަށް ވަރުގަދަ ރައްދެއް ދެއްވާފައެވެ. އެގޮތުން، އަލްގައިދާގެ މޭސްތިރި، އުސޫމާ ބިން ލާދިންއަށް ޕާކިސްތާނުން ހިމާޔަތް ދިން ކަމަށް ބޫޑޭ ވަނީ ތުހުމަތު ކުރައްވާފައެވެ.

މި މޭރުމުން ވާހަކަ ކުރިއަށް ގެންދަވަމުން ޑޫބޭ ވިދާޅުވީ، ޕާކިސްތާނަކީ އަލިފާން ނިއްވާ މީހެއްގެ ގޮތުގައި ހަރަކާތްތެރިވާ، ހުޅުޖަހާ މީހެއް ކަމަށެވެ. އަދި ޕާކިސްތާނުން ދަނީ ގޯތި ތެރޭގައި، ޓެރަރިސްޓުން "ފައްކާ ކުރަމުން" ކަމަށާ، އެ މީހުންގެ އުއްމީދަކީ، އަވަށްޓެރިންނަށް ގެއްލުން ދިނުން ކަމަށްވެސް ޑޫބޭ ވަނީ ސިފަކުރައްވާފައެވެ.

ދީނީ މޭރުމަކުން ޕާކިސްތާނުން އިންޑިއާއަށް ހަމަލާ ދީފައި ވާއިރު، ޑޫބޭވެސް ވަނީ ޕާކިސްތާނަށް ތުހުމަތު އަމާޒު ކުރައްވާފައެވެ. އެގޮތުން ޕާކިސްތާނަކީވެސް އާބާދީގެ ނިސްބަތުން ބައިމަދު މީސްތަކުންނާ ދެކޮޅަށް އަނިޔާވެރި ބައެއް ކަމަށް އޭނާ ވިދާޅުވިއެވެ. ދީނީ ގޮތުންނާއި ސަގާފީ ގޮތުން، ޕާކިސްތާނުން ގަތުލުއާންމު ހިންގި ކަމަށްވެސް ޑޫބޭ ވަނީ ތުހުމަތު ކުރައްވާފައެވެ.