މާރާމާރީތައް އިތުރުވާތީ އައްޑޫ ސިޓީ ހިތަދޫގެ ފްލެޓް ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް ކައުންސިލުން ބުނެފިއެވެ.
ފްލެޓްތަކުގައި އުޅޭ މީހުންގެ ފަރާތުން ސެކިއުރިޓީއާ ގުޅޭ ގޮތުން ގިނަ ޝަކުވާތައް އަންނަ ކަމަށް ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު ވަނީ ވިދާޅުވެފައެވެ.
މިހާތަނަށް ސެކިއުރިޓީ ބެލެހެއްޓޭނެ ހަރުދަނާ އެއްވެސް ނިޒާމެއް އެ ސަރަހައްދުގައި ނެތްކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ ފްލެޓް ސަރަހައްދުގެ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ.
އެގޮތުން ސީސީޓީވީ ކެމެރާ ހަރުކުރެވޭނެ ގޮތްތަކެއް ހަމަޖެހިގެން ދާނެ ކަމަށާ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ކުރެވޭތޯ ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަހަކަށް އައިސް އައްޑޫ ސިޓީ ކައުންސިލް އިދާރާ އާއި އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލް ސަރަހައްދުގައި ހުރި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފެށި ފަހުން، އެ ސަރަހައްދުގައި ގޭންގް މާރާމާރީ އާއި އެކި ހަމަ ނުޖެހުންނަތައް އަންނަނީ ހިންގަމުންނެވެ.
އެގޮތުން މިމަހު 17 ވަނަ ދުވަހު އައްޑޫ ސިޓީގައި މާރާމާރީއެއް ހިންގާ ތޫނު އެއްޗަކުން ހަމަލާދީ މީހަކު ވަނީ ޒަހަމް ކޮށްލާފައެވެ.
އެ މާރާމާރީގައި އަނިޔާ ވެފައި ވަނީ 29 އަހަރުގެ ފިރހެނަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އެ މާރާމާރީގެ ފޮޓޯތަކާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައި ވާއިރު ފްލެޓެއްގެ އެޕާޓްމަންޓްގެ ފޮޓޯތަކާ ވީޑިއޯތަކުން ފެންނަ ގޮތުގައި އެތަނުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ. އެޕާޓްމަންޓް ތެރޭގަ އާއި ސިޑިމަތީގައި ވެސް ލޭ ހުއްޓެވެ.