އަންނަ މަހުން ފެށިގެން، އައިފޯން 13 ޕްރީއޯޑަރަށް ހުލުވާލަން ރާއްޖޭގެ ޓެލެކޮމް ކުންފުނި ދިރާގުން ނިންމައިފިއެވެ.

ދިރާގުން ބުނީ އަންނަ މަހުގެ އަށަކުން ފެށިގެން އައިފޯން 13 ގެ ޕްރީއޯޑަރުތަކަށް ހުޅުވާލާނެ ކަމަށެވެ. އުރީދޫ އިންވެސް އަންނަ މަހުގެ އަށަކުން ފެށިގެން އައިފޯން 13 ގެ ޕްރީއޯޑަރުތަކަށް ހުޅުވާލާނެއެވެ

މި މަހުގެ 14 ގައި އެޕަލް ކުންފުނިން ވަނީ އެންމެ ފަހުގެ އައިފޯން ކަމަށްވާ އައިފޯން 13 ދައްކާލާފައެވެ. މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް އައިފޯން އާއި އިތުރު އުފެއްދުންތައް އެކުންފުނިން ދައްކާލާފައިވަނީ ވާޗުއަލްކޮށް ބޭއްވި ހަފްލާއެއްގައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް، މިއަހަރުވެސް އެޕަލް އިން ވަނީ އައިފޯން ސީރީސްގެ ހަތަރު މޮޑެލް އެއް ދައްކާލާފައެވެ. އެއީ:

  • އައިފޯން 13 މިނީ
  • އައިފޯން 13
  • އައިފޯން 13 ޕްރޯ
  • އައިފޯން 13 ޕްރޯ މެކްސް

މިއަހަރު ދައްކާލި އައިފޯން 13 ސީރީސް ދައްކާލާފައިވަނީ އާ އޭ15 ބައޮނިކް ޗިޕާއި އެކު 5ޖީ ވެސް ހިމެނޭ ގޮތަށެވެ. އަދި ކެމެރާ އަށް ބަދަލުތަކެއް ގެނެވިފައިވާއިރު، ކޮލިޓީ ރަނގަޅު ވީޑިއޯ ނެގޭނެ ސިނަމެޓިކް މޯޑްވެސް ވަނީ އާ އައިފޯނާއި އެކު ތައާރަފް ކޮށްފައެވެ.

އެހެން އައިފޯންތަކާއި ހިލާފަށް އައިފޯން 13 ގެ އިންޓާނަލް ސްޓޯރޭޖް ފަށަނީ 128 ޖީބީ އިންނެވެ. އަދި ޕްރޯ މޮޑެލްތަކުގައި 1 ޓީބީގެ ސްޓޯރޭޖް ހިމެނޭނެއެވެ.