ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުކޮށް ދެވޭނީ ޔާމީނަށް ޖަމާވީ ގއ. ވޮޑަމުލާގެ ފައިސާކަން ސާބިތު ކޮށްދެވިގެން ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތު ކުރުމަށް، އެމަނިކުފާނު ލޯންޑާ ކުރެއްވީ ވޮޑަމުލާ ކުއްޔަށް ދީގެން ދީފައިވާ ފައިސާކަން ސީދާ ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށް، އިއްޔެ ސުޕްރީމް ކޯޓުގައި ބޭއްވި ޔާމީނުގެ އިސްތިއުނާފީ ޝަރީއަތުގައި ދައުލަތުގެ ވަކީލުން ވިދާޅުވުމާ ގުޅިގެން، ޑރ. ދީދީ ވިދާޅުވީ ވޮޑަމުލާގެ ފައިސާ ޖަމާވިކަން ސާބިތުކޮށްދީގެން މެނުވީ ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުވާނެ ކަމަށެވެ.

ސަބަބަކީ މަނީ ލޯންޑަރިންގެ ގާނޫނީ ސްޓްރަކްޗަރު ބިނާވެގެން ވަނީ އެ ކުށަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުމަށް ކަމަށްވާއިރު، މަނީ ލޯންޑަރިންގެ އުންސުރުތައް ފުރިހަމަވުން ލާޒިމްވާތީ ކަމަށް ދީދީ ވިދާޅުވިއެވެ.

"މިގޮތުން، އެކުށުގައި ފުރިހަމަވުން ލާޒިމުވެގެންވާ މާއްދީ ރުކުނާއި މައުނަވީ ރުކުނުގެ އިތުރުން އެކުށުގައި އިފްތިރާލީ ރުކުނެއްވެސް ފުރިހަމަވާން ޖެހޭނެ." ދީދީ ވިދާޅުވިއެވެ.

ނަމަވެސް، ލޯންޑަރު ކުރެވޭ މުދާ ނުވަތަ ފައިސާ އަކީ ޖިނާއީ ކުށެއް ކޮށްގެން ހޯދާފައިވާ ތަކެތި ކަމުގައި ނުވާނަމަ، މަނީ ލޯންޑަރިންގެ ކުށް ސާބިތުނުވާނެ ކަމަށާއި، ސަބަބަކީ މަނީ ލޯންޑަރިންގެ ގާނޫނީ ރުކުން ފުރިހަމަވުމަށް ލާޒިމްވާ އިފްތިރާލީ ރުކުން ނަފީވެގެން ދާތީ ކަމަށްވެސް ދީދީ ވިދާޅުވިއެވެ.

އެހެންކަމުން ދީދީ ވިދާޅުވީ ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ވޮޑަމުލާގެ ފައިސާކަމަށް ދައުލަތުން ދައުވާ ކުރާނަމަ، އެކަން ސާބިތު ކުރުމުގެ އިތުރުން އެ ފައިސާއަކީ ކޮން ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ވެސް ސާބިތުކޮށްދިނުން ޕްރޮސެކިއުޓަރު ޖެނެރަލްގެ މައްޗަށް ލާޒިމް ކަމަށާއި، އެކަން ސާބިތުނުވާ ނަމަ ދައުވާ ފުރިހަމަ ނުވާނެ ކަމަށެވެ.

ޔާމީނުގެ މައްސަލަ ބައްލަވާ ބެންޗުގައި ތިއްބަވަނީ ޑރ. އަޒްމިރަލްދާ ޒާހިރާއި، ޑރ. މުހައްމަދު އިބްރާހީމްގެ އިތުރުން ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

މި މައްސަލައިގައި ދެން އޮންނާނީ ދައުލަތުން ނުނިމި ހުރި ރައްދު ދިނުމާއި ޔާމީނުގެ ފަރާތުން އެއަށް ރައްދު ދިނުމެވެ.