ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާބެހޭ ބިލަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭތީ، ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ވެސް ކަންބޮޑުވުން ފާޅުކޮށްފިއެވެ.

މަސްދަރު ހާމަކުރަން މަޖުބޫރުކުރުވާ މާއްދާގެ ސަބަބުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި އެޑިޓާސް ގިލްޑު މޯލްޑިވްސްއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެ މާއްދާ އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފައެވެ.

ބްރޯޑްކޮމް އިން ބުނީ މަސްދަރު ހާމަކުރުމަށް ބާރުއަޅާ، ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅިގެންދާނެ އިއާދަނުކުރެވޭނަފަދަ ގެއްލުމަކަށް ވެދާނެ ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ހަނިކަން އަންނަ ކޮންމެ ކަމަކީ، މި ދާއިރާއިން ދިވެހިރާއްޖެ ހޯދައިފައިވާ ކާމިޔާބީއާ ކުރިއެރުންތައް، އެތައް ދަރަޖައަކަށް ސޮއްސާލައި، ނޫސްވެރިކަމުގެ އަސާސްތަކާއި، ބައިނަލްއަގްވާމީ މިންގަޑުތަކަށް ޖެހޭ ގޮންޖެހުމެއް ކަމަށް ބްރޯޑްކޮމްއިން ވަނީ ބަޔާންކޮށްފައެވެ.

ބްރޯޑްކޮމްއިން ވެސް ވަނީ މި އިސްލާހު އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފައެވެ.

ހެއްކާ ބެހޭ ގާނޫނަށް އިސްލާހު، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލްމުޣުނީއެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް ދެން އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ.

މަޖިލީހުގައި މިހާރު ހުށަހަޅައިގެން އުޅޭ ހެއްކާ ބެހޭ ގާނުނުގެ އިސްލާހު ފާސްވެއްޖެ ނަމަ ކުރިން އެކުލަވާލާފައިވާ ދެގާނޫނު އުވިގެން ދާނެއެވެ.