ރަސްފަންނު މޫދަށް ތެޔޮ އެޅުމުންގެ ސަބަބުން އެތަން ބަންދުކޮށް، ސާފުކުރުމަށް ފަހު ހުޅުވާލައިފިއެވެ.

ރަސްފަންނުގެ މޫދުގެ ބޮޑުބަޔަކަށް ތެލުގެ އަސަރުކުރުން އެސަރައްދަށް އާންމުން ބޭނުންކުރުން މަނާކޮށްފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

ތެޔޮއެޅި މޫދު ތަގައްޔަރު ވެފައި އޮތުމުން އެސަރައްދު ސާފުކޮށް، މިއަދު ވަނީ އަލުން އާންމުންނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލާފައެވެ. އެއާއެކު މިއަދު ރަސްފަންނު މޫދަށް އެރުމަށް އާންމުން ވަނީ ގޮސްފައެވެ. އަދި އެސަރަހައްދަށް ހިތްހަމަޖައްސާލަން ވެސް ގިނަ ބަޔަކު ވަނީ ގޮސްފައެވެ.

ރަސްފަންނު ހުޅުވުމާއެކު އާންމުން ހަރަކާތެރިވަނީ / ފޮޓޯ: ދަ ޕްރެސް

ރަސްފަންނުގެ މޫދުގެ ބޮޑުބަޔަކަށް ތެލުގެ އަސަރުކޮށްފައި ވަނީ ރަސްފަންނުގެ ނެރު މައްޗަށް ލެއްގި ކަޅުތެޔޮ ފީފާއެއް ފަޅައިގެން ދިއުމާ ގުޅިގެންނެވެ.

އެސަރަހައްދު ސާފު ކުރުމަށްފަހު އެސަރަހައްދުގެ މޫދު، އެމްޑަބްލިއުއެސްސީން ވަނީ އާންމުން މޫދަށް އެރި ބޭނުންކުރަން ރަނގަޅުތޯ ބަލަން ޓެސްޓުކޮށްފައެވެ.

ބައިބޯވެފައިވާ މާލޭގައި ރައްޔިތުން ހިތްހަމަޖައްސާލަން މޫދަށް އެރެވޭގޮތަށް ތަރައްގީކޮށްފައި އޮންނަނީ ދެ ބީޗެކެވެ. އެއީ ރަސްފަންނު އަދި އާޓިފިޝަލް ބީޗެވެ.