މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ މެޑަލް އާއި ގުރުއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑަލް ގައުމީ ދުވަހު ދޭ ގޮތަށް ނިންމައި، އިނާމު ދޭ ދުވަސް އަވަސްކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ ކުރިން ހަމަޖެހިފައި އޮތީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި މި ދެ އިނާމު ދިނުމަށް ކަމަށެވެ.

ނަމަވެސް ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ލިބޭ ފަރާތްތައް ގިނަވުމުގެ ސަބަބުން، މަތީ ދަރަޖައިގެ އިނާމާއި ހާފިޒުކަމުގެ އިނާމު ދިނުން، ގައުމީ ދުވަހު ބާއްވާ ޖަލްސާގައި ދޭގޮތަށް ނިންމީ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެހެންކަމުން މި އަހަރުގެ ޖުމްހޫރީ ދުވަހު ދިނުމަށް ހަމަޖެހިފައިވަނީ ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމެވެ.

ގައުމީ ދުވަސް ފާޙަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުގައެވެ. މިއަހަރުގެ ގައުމީ ދުވަސް ދިމާވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހާއެވެ.