ޅ. ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ހާބާ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ހިންނަވަރު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ދެކުނު ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތާއި ކެޕިން ބީމް މަސައްކަތްތައް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 2.3 ހެކްޓަރުގެ ބިން ހިއްކުމާއި، 76.170،65 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 421 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން ހިމެނެއެވެ.

އޭގެ އިތުރުން 9.123 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމުގެ އިތުރުން 55.170 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް އެމަޝްރޫއުގެ ދަށުން ހިމެނެއެވެ.

އެގޮތުން ހިންނަވަރު މަޝްރޫއަކީ 99.52 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއަކީ 350 ދުވަހުގެ ތެރޭގައި ނިންމުމަށްއެ އެމްޓީސީސީއާ ހަވާލަ ކޮށްފައިވާ މަޝްރޫއެކެވެ.