މިހާރު ކުރިއަށްދާ އދގެ 76 ވަނަ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކް ސިޓީއަށް ވަޑައިގެން އުޅުއްވާ ބްރެޒީލްގެ ރައީސް ޖެއީރް ބޮލްސޮނާރޯގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އެ ގައުމުގެ ސިއްހަތާ ބެހޭ ވަޒީރު، މާސެލޯ ގުއޭރޯގާ، ކޮރޯނާވައިރަސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.
މިކަން އިއުލާން ކޮށްފައި ވަނީ ބްރެޒީލްގެ ރައީސް އޮފީހުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި ބްރެޒީލްގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ އެހެން ހުރިހާ މެންބަރުން، ކޮވިޑަށް ނެގެޓިވްއެވެ. އަދި ސިއްހަތާ ބެހޭ ވަޒީރުގެ ހާލުކޮޅު ރަނގަޅު ކަމަށްވެސް ހަބަރު ލިބެއެވެ.
ބްރެޒީލްގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ، 14 ދުވަސް ވަންދެން ނިއުޔޯކް ސިޓީގައި އެކަހެރި ވެވަޑައިގަންނަވާނެ ކަމަށާ، ވަފުދުގެ އެހެން މެންބަރުންނާއެކު އެމެރިކާއިން ފުރާވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އދގެ މެންބަރު އެހެން ގައުމުތަކުގެ ވަފުދުތަކަށް އިންފެކްޝަންގެ އަސަރު ފޯރާފާނެ ކަމަށްޓަކާ، އޭނާގެ ވަފުދުގައި ހިމެނޭ ބައެއް ޑިޕްލޮމެޓުން، ބައެއް އިވެންޓްތައް ކެންސަލް ކުރައްވާފައި ވާ ކަމަށްވެސް ބްރެޒީލްގެ ސިއްހަތާ ބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ބްރެޒީލްގެ ފަތުރުވެރި ކަމާ ބެހޭ ވަޒީރު، ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވި ޕޯސްޓެއްގައި، ނިއުޔޯކްގައި އޮތް އެ ގައުމުގެ ވަފުދުން އެކުގައި، ޕިއްޒާ ކާން ތިބި މަންޒަރު ފެނިގެންދެއެވެ. އަދި ހުރިހާ މެންބަރުން ހެން މާސްކު ބޭނުން ނުކުރައްވާކަން ފާހަގަވެއެވެ.
ސިއްހަތާ ބެހޭ ވަޒީރު ޕޮޒިޓިވްވި ހަބަރަށް ފަހުގައިވެސް، ބްރެޒީލްގެ ރައީސް، މާސްކު ބޭނުން ކުރެއްވުމަކާ ނުލާ، ސަޕޯޓަރުންނާ ސަލާމް ކުރައްވާ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްގެ ތަރުޖަމާނަކު ވަނީ، ބްރެޒީލްއިން ފެންމަތިވި ކޭހާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވުމަށް އިންކާރު ކުރައްވާފައެވެ. އަދި ހެޑްކުއާޓަރުން ކޭހެއް ފެނިއްޖެނަމަ ކޮންޓެކްޓް ޓްރޭސް ކުރާނެ ޕްރޮޓޮކޯލް ހަމަޖެހިފައި ވާ ކަމަށް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.
ހިތުގެ ޑޮކްޓަރެއް ކަމަށް ވާ މާސެލޯ ގުއޭރޯގާ، އަކީ ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، ބްރެޒީލްގެ ސިއްހަތާ ބެހޭ ވަޒީރު ކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ 4 ވަނަ ވަޒީރެވެ.
އދގެ އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމާ ދިމާކޮށް، އދގެ މަރުކަޒީ އިދާރާއަށް ވަދެވޭނީ، ކޮވިޑް ވެކްސިން ޑޯޒް ފުރިހަމަ ކޮށްފައި ވާ ޑެލިގޭޓުންނަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، ފާޅުގައި ވަކާލާތު ކުރި ގައުމުތަކުގެ ތެރޭގައި ބްރެޒީލް ހިމެނެއެވެ.