މިހާރު ކުރިއަށްދާ އދގެ 76 ވަނަ އާންމު މަޖިލީހުގެ އިސްވެރިންގެ ބަހުސްގައި ތަގުރީރު ކުރުމުގެ ފުރުސަތަކަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާ، އިންތިގާލީ ސަރުކާރެއް އިއުލާން ކޮށްފައިވާ، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން އެދިއްޖެއެވެ.

ތޯލިބާނުންގެ ފަރާތުން އދގައި މިކަމަށް އެދިފައި ވަނީ، އިންތިގާލީ ސަރުކާރުގައި ހާރިޖީ ވަޒީރު ކަމުގެ ގޮނޑި ފުރަމުން އަންނަ އާމިރު ހާން މުއްތަގީ، އދއަށް ފޮނުވި ސިޓީއެއްގައެވެ.

ތޯލިބާނުންގެ ފަރާތުން އދގެ މަންދޫބެއް ކަމެއްގެ ގޮތުގައި ނޮމިނޭޓް ކޮށްފައި ވަނީ، ގަތަރުގައި ހުންނަ އެ ޖަމާއަތުގެ ތަރުޖަމާނު ސުހައިލް ޝާހީންއެވެ. އޯގަސްޓް 15، 2021 ވަނަ ދުވަހު އަފްގާނިސްތާންގެ ކޮންޓްރޯލް ނެގި ތޯލިބާނުން ވަނީ، އެގައުމުގެ ކުރީގެ ސަރުކާރުން އދއަށް ކަނޑައަޅާފައި ވާ މަންދޫބަކީ އެ ގައުމު ތަމްސީލު ކުރާ މަންދޫބު ނޫން ކަމަށްވެސް ބުނެފައެވެ.

ތޯލިބާނުންގެ ހުށަހެޅުމާ ގުޅިގެން އދގެ ތަރުޖަމާނަކު ވިދާޅުވީ، މިކަމާ ބެހޭ މަޝްވަރާތައް ކުރިއަށްދާނީ މަތި ފެންވަރުގެ ކްރެޑެންޝަލްސް ކޮމިޓީއެއްގައި ކަމަށާ، ކޮމިޓީގެ މެންބަރުންގެ ތެރޭގައި އެމެރިކާ، ޗައިނާ އަދި ރަޝިއާވެސް ހިމެނޭނެ ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް، އދގެ އާންމު މަޖިލީހުގެ އިސްވެރިންގެ ބަހުސް ނިމުމުގެ ކުރިން މި ކޮމިޓީއިން ބައްދަލު ކުރާނެ ކަމަށް ނުބެލެވެއެވެ. އދގެ ގަވައިދުތައް ބުނާ ގޮތުން، އެ ބައްދަލުވުން ބޭއްވެންދެން، އދގައި އަފްގާނިސްތާން ތަމްސީލު ކުރާނީ ގުލާމް އިސްހާގުޒާއީއެވެ.

މިހާރު ތާވަލު ރާވާފައި އޮތް ގޮތުން، އާންމު މަޖިލީހުގެ އިސްވެރިންގެ ބައްދަލުވުމުގައި އޭނާ ތަގުރީރު ކުރައްވާނީ ސެޕްޓެމްބަރު 27 ވަނަ ދުވަހުއެވެ.