ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ މެންބަރު ގައުމު ބައިވެރިވާ އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިސްވެރިންގެ ބަހުސް ފަށައިފިއެވެ.

އެމެރިކާގެ ނިއުޔޯކް ސިޓީގެ މެންހެޓަންގައި ހުންނަ އދގެ މަރުކަޒީ އިދާރާގައި، 76 ވަނަ އާންމު މަޖިލިސް (ޔޫއެންޖީއޭ 76)ގެ އިސްވެރިންގެ ބަހުސް ފަށާފައި ވަނީ ރާއްޖެ ގަޑިން 18:00 ގައެވެ.

މި ބަހުސްގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަނީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުއެވެ. މިއީ ރައީސް ސޯލިހު، މި ޕޯޑިއަމްގައި ތަގުރީރު ކުރައްވާ ދެވަނަ ފަހަރު ކަމަށް ވާއިރު، މިއީ އެއް ގޮތަށް ވުރެ ގިނަ ގޮތުން ރާއްޖެއަށް ހާއްސަ ދުވަހެއް ކަން ފާހަގަ ކުރަންޖެހެއެވެ.

އދގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ އިސްވެރިންގެ ބަހުސް މި ފެށުނު ސެޕްޓެމްބަރު 21 ވަނަ ދުވަހަކީ، މީގެ 56 އަހަރު ކުރިން، އދގެ މެންބަރު ކަން ދިވެހިރާއްޖެއަށް ލިބުނު ދުވަހެވެ. އެއީ އިނގިރޭސިންގެ އަތުން ރާއްޖެއަށް މިނިވަންކަން ލިބުނުތާ އެންމެ 56 ދުވަސް ފަހުންނެވެ. އދގެ އާންމު މަޖިލީހުގައި ދިވެހި ރާއްޖެއިން އެންމެ ފުރަތަމަ ތަގުރީރު ކޮށްފައި ވަނީ، މީގެ 55 އަހަރު ކުރިން، ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހު، އޮނަރަބަލް (ކަކާގޭ) އަހުމަދު ހިލްމީ ދީދީއެވެ. އެއީ ރާއްޖެއިން އދއަށް ކަނޑައަޅާފައި އޭރު ހުންނެވި ހާއްސަ މަންދޫބެވެ.

މި ތާރީހީ މުނާސާބާއަކާއެކު، ސެޕްޓެމްބަރު 14 ގައި ފެށުނު އާންމު މަޖިލީހުގެ ދައުރަކީވެސް ދިވެހިންނަށް ތާރީހީ ދައުރެކެވެ. އެހެނީ، ދައުރުގެ ރިޔާސަތު ދިވެހިރާއްޖެއިން ކަށަވަރު ކުރުމެވެ. އދގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވަނީ، ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދުއެވެ. މިއީ ރާއްޖެއިން މި ގޮނޑި ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ރާއްޖެއާއި ދުނިޔެއަށް ކުރިމަތިވެފައި ވާ އެތައް ކަމަކާ ބެހޭ ގޮތުން ރައީސް ސޯލިހުގެ ތަގުރީރުގައި އަލިއަޅުއްވާލައްވާނެއެވެ. އިސްވެރިންގެ ބަހުސްގައި ތަގުރީރުގައި ރައީސް ސޯލިހު ތަގުރީރު ކުރައްވާނީ 3 ވަނައަށެވެ.