ގިނަ އަދަދެއްގެ މީހުން މޫދަށް އެރި އުޅޭ ރަސްފަންނުގެ ސަރަހައްދު ވަނީ މިހާރު ސާފުކޮށް ނިމިފައި ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

މި މަހުގެ 17 ގައި ރަސްފަންނުގެ މޫދުގެ ބޮޑުބަޔަކަށް ތެލުގެ އަސަރުކޮށްފައި ވަނީ ރަސްފަންނުގެ ނެރު މައްޗަށް ލެއްގި ކަޅުތެޔޮ ފީފާއެއް ފަޅައިގެން ދިއުމާއި ގުޅިގެންނެވެ. އެހެންވެ، ވަކި ގޮތެއް އަންގަންދެން ސިޓީ ކައުންސިލުން ވަނީ އާންމުންނަށް އެ ސަރަހައްދު ބަންދު ކޮށްފައެވެ.

ސިޓީ ކައުންސިލުން އެ ދުވަހު ބުނީ އެ މައްސަލަ ހައްލު ކުރެވެންދެން ރަސްފަންނުގެ މޫދަށް އެރޭ ސަރަހައްދު، އީޕީއޭގެ ލަފާގެ މަތިން ބަންދު ކުރާނެ ކަމަށެވެ.

އެ ސަރަހައްދު ސާފުކޮށް، މައްސަލަ ހައްލު ކުރުމަށްޓަކައި ފުލުހުންނާއި ސިފައިންގެ ޑައިވިން ޔުނިޓުވެސް ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވެފައެވެ.

ރަސްފަންނު ސަރަހައްދުގައި ކަޅު ތެޔޮ ޖަމާވެ ތަޣައްޔަރުވެފައި/ ފޮޓޯ: އެމްއެންޑީއެފް

އީޕީއޭ އިން މިއަދު ބުނީ ތަޣައްޔަރުވެފައިވާ ސަރަހައްދު ވަނީ މިހާރު ސާފުކޮށް ނިންމާފައިވާ ކަމަށާ، ފެން ކުންފުނި އެމްޑަބްލިއުއެސްސީގެ އެހީތެރިކަމާއެކު ކުރެވޭ ތަހުލީލު ތަކަށް ފަހު، އާންމުންނަށް ހުޅުވާލާނެ ކަމަށެވެ.

ރަސްފަންނު ސަރަހައްދަކީ އާންމުކޮށް އެކި އުމުރުފުރައިގެ މީހުން ހިތްހަމަ ޖައްސާލުމަށްޓަކައި އާއިލާ އާއި ރައްޓެހިންނާ އެކު މޫދަށް އެރެން ދާ ސަރަހައްދެކެވެ.