ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތަކާ ގުޅިގެން ފުލުހުން ނެގި ބަޔާންތައް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަތުގައި ހުރި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އަލީ ވަހީދު ރޭ ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ ޖުލައި މަހުގެ 19 ވަަނަ ދުވަހު ރޭ ފުލުހަށް ހާޒިރު ކުރި ނަމަވެސް ތުހުމަތުތަކާ ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށެވެ. އެކަން އެރޭ ވަކީލުންގެ ގޮތުގައި ވަޑައިގެންނެވި ވަކީލު އަބްދު ﷲ ހަސީން އާއި ވަކީލު އަބްދުﷲ ޝާއިރުއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އަދި ވީޑިއޯ ކެމެރާއަކުން ވީޑިއޯކުރަމުން ގެންދިޔަ ކަމަށާއި އޭގެ ރިކޯޑިން އޮންނާނެ ކަމަށެވެ.

ފުލުސް އޮފީހުގައި ހުންނަން ޖެހޭ ބަޔާންތަކެއް އަލީ ވަހީދު އަތުގައި ހުރި އިރު އެ ބަޔާންތައް ފުލުސް އޮފީހުން ބޭރުވި ގޮތެއް އޭނާ ހާމައެއް ނުކުރައްވައެވެ. އަދި މި މައްސަލައިގައި ފުލުހުން ރައްދެއްވެސް ދީފައެއް ނުވެއެވެ.

މީގެ އިތުރުން އަލީ ވަހީދު ވަނީ އޭނާ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމަށް ފުރުސަތު ލިބިވަޑައިގެންނެވި ގޮތާއި އިނގިރޭސިވިލާތުގެ ފުލުހުން ހައްޔަރު ކުރުމަށް ފަހު ކަންކަން ހިނގާދިޔަ ގޮތް ވަރަށް ތަފްސީލުކޮށް ވިދާޅުވެ ދެއްވާފައެވެ.

އަލީ ވަހީދު ވިދާޅުވީ އޭނާ ބޭރަށް ވަޑައިގެންނެވީ ޕްރޮސެކިއުޓަރު ޖެނެރަލްގެ އިއުތިރާޒެއް ނެތުމުން ކަމަށެވެ. އަދި ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ ކޯޓް އަމުރު ނެރުމުގެ ކުރީން ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށާ އެކަން ކޯޓްގެ އަޑުއެހުންތަކުގެ ރެކޯޑިން ބެލީމައި ސާފުކޮށް ފެންނަން އޮންނާނެ ކަމަށެވެ.

އަދި އޭނާ ބޭރަށް ވަޑައިގެންނެވި ރޭ، ފުރާވަޑައިގަތުމުގެ ކުރިން ފޯން ކޯލެއް ލިބުނު ކަމަށާއި، އެންގީ އެ ރެއިން އެރެއަށް ބޭރަށް ވަޑައިގަތުމަށް ކަމަށެވެ. އަދި ބޭރަށް ވަޑައިނުގެންފި ނަމަ އަނެއް ދުވަހު ބަންދު ކުރާނެ ކަމަށް އެ ކޯލުގައި ބުނިކަމަށް އަލީ ވިދާޅުވިއެވެ. އަދި އެ ރޭ ފުރަން ވަޑައިގެންނެވި ވަގުތު ލަސްވެ ފުރަން އޮތް ފްލައިޓަށް އަވަހަށް ވަޑަައިގައިގަންނަވަން ވަޑައިގެންނެވީ ވީއައިޕީއިން ކަމަށެވެ.

"ވީއައިޕީން އަޅުގަނޑު ފުރައިގެން އައީ. ވީއައިޕީގެ ސީސީޓީވީ ކެމެރާތަކުން މި ފެންނަން ހުންނާނެ،"
އަލީ ވަހީދު

އަލީ ވަހީދު ވިދާޅުވީ ޔޫކޭގެ ފުލުހުން އޭނާ ހައްޔަރު ކުރީ ނޫސްވެރިންގެ ބައްދަލްވުން ބާއްވަވާނެ ކަމަށް ކުރިން އިއުލާނު ކުރެއްވި ދުވަހު ޓްވީޓެއް ކުރެއްވިތާ ގަޑިއިރެއްގެ ފަހުން ކަމަށެވެ.

އަލީ ވަހީދު ރޭ ނޫސްވެރިންނާ ބައްދަލުކުރައްވާފައި ވަނީ އިނގިރޭސިވިލާތުގައި ހުންވައިގެން އޮންލައިންކޮށެވެ. 3 ގަޑި އިރަށް ދިގުދެމިގެން ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަނީ ޖަލުގައި 16 ދުވަސް ހޭދަ ކުރެއްވި ކަމަށާއި އެއީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ޖަލުން މިނިވަންވެވަޑައިގެންނެވީ މި މަހުގެ ނުވަވަނަ ދުވަހު ކަމަށްވެސް ވިދާޅުވިއެވެ.