ޖުމްހޫރީ ޕާޓީގެ ދެން އޮންނަ ގައުމީ ކޮންޕަރެންސްގައި އެ ޕާޓީގެ ރަައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މައުސޫމް މިފަދައިން ޓްވީޓްކުރެއްވީ ޖުމްހޫރީ ޕާޓީގެ މިހާރުގެ ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އޮންލައިންކޮށް ނޫސްވެރިންގެ ބައްދަލުމެއް ބާއްވަމުން ގެންދަވަނިކޮށެވެ.

"ޖުމްހޫރީ ޕާޓީގެ ދެން އޮންނަ ގައުމީ ކޮންފަރެންސްގައި ޕާޓީގެ އިންތިހާބު ބާއްވާއިރު ޕާޓީގެ 'ރައީސް' ކަމަށް ކުރިމަތިލުމުގެ ވިސްނުމެއް އެބަ ގެންގުޅެން"
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މައުސޫމްގެ މި ޓްވީޓާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ "ގަޅިއުކާނީ މޭވާ އަޅާ ގަސް ގަހަށް" ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ރައީސްގެ މަގާމުގައި އޭނާ ހުރީ ގާސިމް އިބްރާހިމަށް ކުރައްވާ އިހުތިރާމެއްގެ ސަބަބުން ކަމަށެވެ. އެ ޕާޓީގެ ރައީސް ކަމުން އޭނާ ވަކިކުރުމާއި އަދި އެ މަގާމުގައި ބެހެއްޓެވުމާއި ގުޅޭގޮތުން ގޮތް ނިންމާނީ ޖޭޕީގެ ކަައުންސިލުން ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި ކައުންސިލުން ކޮންމެ ގޮތަކަށް ނިންމެވިއަސް އެކަަމަށް ފަރުވާލެއް ނެތް ކަަމަށްވެސް ވިދާޅުވިއެވެ.