ކުރީގެ ފޮރިން މިނިސްޓަރު އަދި ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫނާ "ގުޅުމެއް" ބޭއްވި ކަަމަށް ހީކޮށް ބައެއް މީހުން އަމަލު ކުރަނީ ވަރަށް ޒާތީކޮށް ކަމަށް ވިދާޅުވެ އެފަދަ ގުޅުމެއް އޮތްތޯ ބެލުމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެދިވަޑައިގެންފިއެވެ.

ޔޫކޭގެ ފުލުހުންގެ ބަންދުގައި ޖަލެއްގައި 16 ދުވަހު ހުންނެވުމަށް ފަހު މިނިވަންވެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އަސާސެއް ނެތް ތުހުމަތުތައް ކުރުމުގައި މިއަދު އެންމެ އިސްކޮށް ހުންނެވި އެކަކީ ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު ކަމަށެވެ.

އަނީސާ ބޭރަށް ނެރެގެން އުޅުއްވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ސިފަކުރައްވާ އަލީ ވަހީދު ވަނީ އޭނާ ޑީއާރުޕީގައި ހުންނެވި ދުވަސްވަރު ދުންޔާއާ ގުޅުމެއް ބޭއްވި ކަމަށް މައުމޫން ހީ ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަލީ ވަހީދު ވަނީ އެފަދަ ގުޅުމެއް ދުވަހަކުވެސް ބާއްވާފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ދުންޔާ އަރިހުން އެ ވާހަކަތައް އެއްސެވުމާއި ދުންޔާ އިސްވެ އެ ތުހުމަތުގެ ހަގީގަތް ހާމަކޮށްދެއްވުމަށް ވެސް އަލީ ވަހީދު އެދިވަޑައިގެންނެވިއެވެ.

އޭގެ އިތުރުން އަލީ ވަހީދު ވިދާޅުވީ ރައީސް މައުމޫނާ ސިޔާސީ ގޮތުން ކިތަންމެ ހިޔާލުތަފާތު ވީ ނަމަވެސް ރައީސް މައުމޫނާއި އެމަނިކުފާނުގެ ބޭފުޅުންނަށް އިހުތިރާމު ކުރައްވާ ކަމަށެވެ.

އަލީ ވަހީދައި ދުންޔާއާ ގުޅުމެއް އޮތް ކަމަށް ގިނަ ބަޔަކު ވާހަކަ ދައްކާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް އެއްވެސް ފޯރަމެއްގައި ދުންޔާ އެފަދަ ވާހަކައެއް ދައްކަވާފައި ނުވެއެވެ. އަދި އަލީ ރޭ ދެއްކެވި ވާހަކަތަކަށްވެސް ދުންޔާ ރައްދެއް ދެއްވާފައެއް ނުވެއެވެ.