އެމްޓީސީސީން 65 މަޝްރޫއެއްގެ އަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ އެމްޓީސީސީއާ 90 މަޝްރޫއެއް ހަވާލުކޮށްފައިވާއިރު އޭގެ ތެރެއިން 65 މަޝްރޫއެއްގެ އަމަލީ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ.
އާޒިމް ވިދާޅުވީ ބާކީ އަމަލީ މަސައްކަތް ނެފެށި ހުރި މަޝްރޫއުތަކުގެ ކުރިއަށް ދަނީ އެތެރޭގެ ޑިޒައިން ކުރުމުގެ މަސައްކަތްތަކާއި ސާވޭ ކުރުމުގެ މަސައްކަތްތަކުގައި ކަމަށެވެ.
މި ވަގުތު އަމަލީ މަސައްކަތް ކުރަމުންދާ މަޝްރޫއުތަކާއި އަދަދު:
- ބަނދަރު ހެދުމުގެ 33 މަޝްރޫއު
- އެއާޕޯޓު ތަރައްގީކުރުމުގެ 2 މަޝްރޫއު
- މަގުހެދުމުގެ 8 މަޝްރޫއު
- އިމާރާތް ބިނާކުރުމުގެ 2 މަޝްރޫއު
- ބިންހިއްކުމުގެ 9 މަޝްރޫއު
- ގޮނޑުދޮށް ހިމާޔަތްކުރުމުގެ 7 މަޝްރޫއު
- ނަރުދަމާގެ 1 މަޝްރޫއު
- ފުޓު ބޯޅަ ދަނޑު ހެދުމުގެ 1 މަޝްރޫއު
އާޒިމް އިތުރަށް ވިދާޅުވީ މިހާރު އަމަލީ މަސައްކަތް ކުރަމުންދާ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 4.2 ބިލިއަން ރުފިޔާކަމަށެވެ.
ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި އެމްޓީސީސީގެ މަޝްރޫއުތައް ހިނގަމުންދާ ކަމަށް ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ ގާތްގަނޑަކށް 60 ރަށުގައި އަމަލީ ގޮތުން އެ ކުންފުނީގެ ޓީމުތައް މިހާރު މޮބިލައިޒް ކުރެވިފައިވާ ކަމަށާއި އިއްޔެ ވެސް އދ. މަންދޫގެ ބަނދަރުގެ މަސައްކަތްކުރުމަށްޓަކައި ޓީމެއް މޮބިލައިޒް ކޮށްފައިވާ ކަމަށެވެ.
އާޒިމް ވަނީ މި ސަރުކާރަކީ ކުރު މުއްދަތެއްގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ މަޝްރޫއު ހިންގާ ފުރަތަމަ ސަރުކާރު ކަމަށް ތަފާސް ހިސާބުތަކުން ފެންނަން ހުރިކަން ފާހަގަކުރައްވާފައެވެ.