މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ ޖުމްލަ 79 މީހުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

އެޗްޕީއޭ އިން ދާދި ދެންމެއަކު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ވޭތުވެދިޔަ 24 އިރުތެރޭ ކޮވިޑަށް ޓެސްޓު ކުރަން 3983 ސާމްޕަލް ނަގާފައިވާ އިރު އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 79 މީހުންނެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 26 މީހަކާއި، އަތޮޅުތެރެއިން 42 މީހަކާއި ރިސޯޓްތަކުން 11 މީހެއް މިއަދު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ.

މިއަދު ޕޮޒިޓިވްވި 79 މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 83655 އަށް އަރާފައެވެ. އަދި މި ވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 1609 މީހަކު އެބަތިބި ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 23 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ދި މި ބަލީގައި މި މަހު ވަނީ 3 މީހަކު މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މިދިޔަ މެއި މަހުގެ ތެރޭ ގޯސްވެފައި އޮތުމަށް ފަހު އޭރު އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކާ އެކު ކޭސްތައް ވަނީ މިދިޔަ ޖުލައި މަހުތެރޭ 100 އިން ދަށަށް ގޮސްފައެވެ. ނަމަަވެސް ފަހުން ކޭސްތައް އިތުރުވެ 100 އިން މަތިން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދު އުޅޭތާ ދުވަސްކޮޅަކަށް ގޮސް އަނެއްކާވެސް މި ވަނީ ކޭސްތައް 100 އިން ދަށަށް ގޮސްފައެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފިރަތަމަ ފެނިފައި ވަނީ މާޗް 7، 2020ގައެވެ. މިއަދާ ހަމައަށް ކޮވިޑް ރާއްޖެއިން ފެނުނުތާ 562 ދުވަސްވެފައިވާ އިރު މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު މި ވަނީ 229 އަށް އަރާފައެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 180 މީހަކު މަރުވެފައެވެ.