ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލު ކޮށްފިއެވެ.

ޖިހާދުގެ މައްޗަށް ކޮށްފައިވަނީ ކ. ފުށިދިއްގަރުފަޅު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅިގެން އޭރުގެ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާއެވެ.

އެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައިވަނީ މާދަމާ ހެނދުނު 9 ޖަހާއިރަށެވެ.

ފުށިދިއްގަރު، ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުގެ 50 ޕަސެންޓް ހިއްސާވާގޮތަށް ޖޮއިންޓް ވެންޗާ އެގްރީމަންޓެއް ހެދުމަށް ނެޝަނަލް ޕްލޭނިން ކައުންސިލުގެ ލަފާގެ މަތިން ނޮވެމްބަރު 29، 2011 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައެވެ. އެދުވަހު ނިންމީ އެ މަޝްރޫއަށް ސަރުކާރުން އެއްވެސް ފައިސާއެއް ހަރަދު ކުރަން ނުޖެހޭ ގޮތަށާއި އެ މަޝްރޫއުގެ ތެރެއިން ބިމު ކުލި ދައުލަތަށް ލިބެން ޖެހޭ ކަމަށެވެ.

ނަމަވެސް ޖިހާދު ވަނީ ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ވަޒީރުންގެ މަޖިލީހުގެ ނިންމުމާ ހިލާފަށް އަމަލު ކުރައްވައިފައެވެ. އެގޮތުން، ވަޒީރުންގެ މަޖިލީހުގެ ނިންމުމުގައި އޮތް 50 ޕަސަންޓުގެ ބަދަލުގައި 25 ޕަސަންޓް ދައުލަތުގެ ހިއްސާ އޮންނަ ޖޮއިންޓް ވެންޗާ ކުންފުންޏެއް ހެދުމަށް ޖިހާދު ވަނީ ޖެނުއަރީ 13، 2013 ގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއި ކުރައްވައިފައެވެ.

އެހެން ކަން ކުރުމުގެ ސަބަބުން ދައުލަތަށް ލިބެން އޮތް ފައިދާއިން ބިމުކުލީގެ ގޮތުގައި 604 މިލިއަން ޑޮލަރު އުނިވެފައި ވާއިރު، 50 ޕަސަންޓުގެ ހިއްސާ، 25 ޕަސަންޓަށް ބަދަލުވުމުން ކުންފުނީގެ ވިޔަފާރި ފައިދާއިން ވެސް ދައުލަތަށް ވަނީ ގެއްލުން ލިބިފައެވެ.

މި މައްސަލަ 2013 ގެ އޮގަސްޓް މަސް ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި، އެ ކޮމިޝަނުން ތަހުގީގު ކުރުމަށް ފަހު 2016ގެ ފެބްރުއަރީ ގައި ވަނީ ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް ނިންމާފައެވެ. މި މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހެޅީ، މިއީ ފާޅުކަން ބޮޑު ގޮތެއްގައި ކޮރަޕްޝަން ހިމެނޭ މައްސަލައެއް ކަމަށް ވާތީ ކަމަށް ޕީޖީން ބުނެއެވެ.