ހަނިމާދޫ ފެރީ ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން ފޫޓިން މަސައްކަތްތައް ފަށައިފިއެވެ.

އެމްޓީސީސީން ބުނީ ހަނިމާދޫ ފެރީ ޓާރމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ޓާމިނަލް އިމާރާތުގެ ފައުންޑޭޝަން ފޫޓިން މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށެވެ.

ހަނިމާދޫ ފެރީ ޓާމިނަލަކީ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތަރައްގީ ކުރެވޭ ޓާމިނަލެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ މަގްސަދަކީ ދިވެހިރާއްޖޭގެ އަތޮޅުތަކާ ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުން ކަމަށެވެ. އެ މަޝްރޫއު ތަންފީޒު ކުރެވޭނީ 3 ފިޔަވައްސެއްގެ ދަށުން ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ ފުރަތަމަ ފިޔަވަހީގެ ދަށުން ހއ. ހދ. އަދި ށ. އަތޮޅުގެ ރަށްތަކުގައި ފެރީ ޓާމިނަލް ތަރައްގީ ކުރެވިގެންދާނެ ކަމަށާ އެ ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދޭނެ ކަމަށެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދޭނެ ކަމަށް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. އަދި އެކަމުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް ކުރިއެރުންތަކެއް ލިބި، ސަރަހައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.