ބުލީ ކުރުން ނުވަތަ ގަނާ ކުރުމަކީ މި ކުޑަކުޑަ ދިވެހިރާއްޖޭގައި އާންމުވަމުން އަންނަ ނުރައްކާތެރި ވަބާއެކެވެ. ބުލީ ކުރުމަކީ މީހަކު ހުންނަ ސިފައަކަށް ނިސްބަތް ކޮށް މަލާމާތް ކުރުމާއި ވާހަކަ ދައްކާ ގޮތް ތަފާތުވުމުން އެކަމާމެދު ފުރައްސާރަ ކުރުން ނުވަތަ ކުރެވޭ ކަމެއްގެ ސަބަބުން މީހުންގެ ހިތުގައި ޖެހޭ ގޮތަށް އެއްޗެހި ކިޔާ ދިމާކޮށް ހެދުމެވެ.

މިފަދަ އަމަލުތައް ގިނަވެ، ބުލީ ކުރުން އެންމެ ބޮޑު އެއް މާހައުލަކީ ސްކޫލުގެ މާހައުލު ކަމަށް ދިރާސާތަކުން ދައްކާފައި ވާއިރު ސްކޫލް ވެށިން އަމާޒުވާ ބުލީގެ ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން ކުދިންނެއް، ޖިސްމާނީ އަދި ނަފްސާނީ ތަކުލީފާއި އަނިޔާ ތަހައްމަލު ކުރަމުން އަންނަ ކަމަށް ޔުނެސްކޯގެ ޑައިރެކްޓާ އޯޑްރޭ އަޒޫލޭ ވިދާޅުވެއެވެ.

2020 ވަނަ އަހަރުގެ "ވައިލަންސް އެންޑް ބުލީން އެޓް ސްކޫލް، އިންކްލޫޑިން ސައިބާ ބުލީން" ދުވަހު އަޒޫލޭ ވިދާޅުވެފައި ވަނީ ސްކޫލް ވެއްޓަކީ ރައްކާތެރި މާހައުލަކަށް ހެދުމުގެ މާނައަކީ، ބުލީކުރުމުގެ ނުރައްކަލުން ވެސް އެ ތަނެއް ސަލާމަތް ކުރެވުން ކަމަށެވެ. 2019 ވަނަ އަހަރު ޔުނެސްކޯއިން 144 ގައުމެއްގައި ކުރިއަށް ގެންދިޔަ ދިރާސާގެ ހޯދުންތަކަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން، ކޮންމެ 3 ދަރިވަރަކުން 1 ދަރިވަރު ވަނީ، ސާވޭ ކުރިއަށް ގެންދިއުމުގެ 1 މަސް ކުރިއަށް ވޭތުވި މުއްދަތުގައި ބުލީގެ ޝިކާރައަކަށް ވި ކަމަށް ރިޕޯޓް ކޮށްފައެވެ.

ބުލީގެ ބާވަތްތައް

ބުލީގެ ޝިކާރައަކަށް ވެފައި ވާ ކުއްޖަކު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: ވެރީވެލް ފެމިލީ

އާންމުގޮތެއްގައި ބުލީކޮށް އުޅެނީ ތިން ގޮތަކަށެވެ. އެއީ އަނގަބަހުން ބުލީ ކުރުމާއި ޖިސްމާނީ ގޮތުން ބުލީ ކުރުމުގެ އިތުރުން އިޖްތިމާއީ ގޮތުން މީހުންނަށް ބުލީ ކުރުމެވެ. އަނގަބަހުން ބުލީ ކުރުމަކީ އަނެކާ ނިކަމެތިކޮށްލާ، ހިތުގައި ޖެހޭގޮތަށް ބަސްތައް ލިޔެގެންނާއި ބުނެގެން މީހަކާ ދިމާއަށް އެއްޗެހި ބުނުމެވެ. މީގެ ތެރޭގައި އަނެކާ ނޭދޭ ނުވަތަ ދެރަވާ ފަދަ ނަންނަމުން މުހާތަބު ކުރުމާއި މީހަކު ދެރަކޮށްލާ ދަށް ކޮލުން ހިމެނެއެވެ. މިއީ ސްކޫލު މާހައުލުގައި އާންމުވަމުން އަންނަ ކަމަކަށް ވާއިރު ބުލީގެ ޝިކާރައަކަށް ވާ ކުއްޖާއަށް ނަފްސާނީ އެތައް މައްސަލައަކާ ކުރިމަތިލާންޖެހި ކުއްޖާގެ ކިޔެވުމަށް ބުރޫއަރައެވެ.

މިގޮތަށް ބުލީ ކުރުމުގެ އިތުރުން ޖިސްމާނީ ގޮތުން އަނެކާއަށް ހާނިއްކަ ކުރުމަކީވެސް ފަހަކަށް އައިސް ސްކޫލުގެ މާހައުލުގައި ގިނަވަމުން އަންނަ ކަމެކެވެ. ވަކި ކުއްޖަކު ބާކީކޮށް، އަނިޔާ ކުރުމާއި އެ ކުއްޖާގެ ތަކެއްޗަށް ގެއްލުން ދިނުން އިތުރުވެފައި ވާއިރު ދާދި ފަހުން ވެސް މާލެގެ ސްކޫލެއްގައި ވެސް މިފަދަ ޖިސްމާނީ އަނިޔާއެއް ކުއްޖަކަށް ލިބުނު މައްސަލައެއް ވަނީ ފެންމަތި ވެފައެވެ. ކަތުރަކުން ކުއްޖަކަށް އަނިޔާކުރި މި މައްސަލަ އަކީ ސީރިއަސް މައްސަލައަކަށް ވާއިރު މިފަދަ ކަންކަމުގެ ސަބަބުން ކުދިން ސްކޫލަށް ދާން ޖެހިލުންވެ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކަށިވެގެން ދެއެވެ.

މާލޭގެ ސްކޫލެއްގައި ހިނގި އެ ހާދިސާ ހިނގާފައި ވަނީ ސްކޫލުގެ ހޯލުގައި ގިނަ ބަޔަކުވެސް ތިއްބައެވެ. މިހާތަނަށް އެކަމާ ގުޅޭ ގޮތުން އއެ ސްކޫލުންވެސް އަދި އެޑިއުކޭޝަން މިނިސްޓްރީން ވާހަކަ ދައްކާފައި ނުވި ނަމަވެސް، އެ ހާދިސާ ހިނގުމުގެ މާ ކުރިން ސުރެ ބްލީ ކުރުން ހިނގަމުން ދިޔަކަން ސްކޫލުގެ ބައެއް ސްޓާފުންނަށް އެނގޭކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

އިޖްތިމާއީ ގޮތުން ބުލީ ކުރުމަކީ ވެސް ބައެއް ކުދިން ކުރަމުން އަންނަ ކަމަށް ވާއިރު މީގެ ތެރޭގައި ގިނަ ބަޔަކު ތިބޭ ތަނެއްގައި ކުއްޖާ ފަޟީހަތް ކުރުމުގެ ގޮތުން ވާހަކަ ދެއްކުމާއި މީހުން ތިބޭ ތަންތަނުގައި ކުއްޖަކު ދަށްކޮށް މަލާމާތް ކުރުން ހިމެނެއެވެ. މިބާވަތުގެ ބުލީ ކުރުމަކީ ނަފްސާނީ ބައްޔަށް އެންމެ އަވަހަށް ކުދިން ހުށަހެޅިގެން ދާ ބާވަތް ކަމަށް ފަހުގެ ދިރާސާތަކުން ވަނީ ދައްކާފައެވެ.

ސައިބާ ބްލީން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ކުރެހުމެއް

ސައިބާ ބުލީ

ބުލީ ކުރުމުގެ ވާހަކަ ދައްކާއިރު ޓެކްނޮލޮޖީއާ ގުޅިލާމެހިފައި ވާ މި ޒަމާނުގައި "ސައިބާ ބުލީ" ނުވަތަ އިންޓާނެޓުގެ ޒަރިއްޔާއިން ކުރެވޭ ބުލީ ދަނީ އިތުރުވަމުންނެވެ. ފުރާވަރަށް އަރައިގެން އަންނަ ކުދިންގެ މެދުގައި އާންމު، މިބާވަތުގެ ބުލީގެ ސަބަބުން އެކަން ތަހައްމަލު ނުކުރެވި އެންމެ ފަހުން އަމިއްލަ ފުރާނަ ނަގާލާ ހިސާބަށް ވެސް ދެއެވެ. ތަރައްގީވެފައި ވާ އެމެރިކާގައިވެސް އަހަރަކު 4،000 އަށް ވުރެ ގިނަ ކުދިން މިބާވަތުގެ ބުލީގެ ސަބަބުން މަރުވާ ކަމަށް ތަފާސްހިސާބު ތަކުން ވަނީ ހާމަވެފައެވެ. ބުލީގެ އެހެން ބާވަތްތަކާ ހިލާފަށް މިއީ ފަސޭހައިން ހުއްޓުވޭ ބާވަތުގެ ބުލީއެއް ނޫނެވެ. ސަބަބަކީ އެހެން މީހަކު ފޮނުވާ މެސެޖަކަށް އަނެކާއަށް ބާރު ނުފޯރުވޭނެ ތީއެވެ.

މިކަންކަން ކޮންޓްރޯލު ކޮށް މިފަދަ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަށް "ސައިބާ ސޭފްޓީ" ގެ ނަމުގައި މިއަހަރުގެ ޖުލައި މަހު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޭމްޕެއް ލޯންޗު ކޮށްފައެވެ. މި ކޭމްޕަކީ ކިޔެވުމާއި މުނިފޫހި ފިލުވުމުގައި ދަރިވަރުން އިންޓަނެޓް ބޭނުންކުރާ އިރު ރައްކާތެރި ގޮތުގައި ބޭނުން ކުރަން ދަސްކޮށް ދީ ހޭލުންތެރި ކުރުމުގެ ގޮތުން ކުރިޔަށް ގެންދިއުމަށް ލޯންޗު ކޮށްފައިވާ ކޭމްޕެކެވެ.

އެޑިއުކޭޝަން މިނިސްޓްރީއާއި ޔުނިސެފް މޯލްޑިވްސް އަދި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ހިންގާ މި ކެމްޕޭންގެ މަގުސަދަކީ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުން، އިންޓަނެޓް ބޭނުން ކުރުމުގައި ދިމާވެދާނެ ކަންތައްތަކާ މެދު އަހުލުވެރި ކުރުވުމާއި، ރައްކާތެރިކޮށް އިންޓަނެޓް ބޭނުން ކުރުމުގެ މަޢުލޫމާތު ދިނުން ކަމަށް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ވެސް މިފަދަ މައްސަލަތައް އަންނަނީ އިތުރުވަމުން!

ރާއްޖޭގައިވެސް މިފަދަ މައްސަލަތައް އިތުރުވަމުން އަންނައިރު މިއަހަރުގެ އޭޕްރީލް މަހު އެކަނި ވެސް ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 9 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 2 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓާނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ވަނީ ރިޕޯޓު ކޮށްފައެވެ.

އަދި މިއަހަރުގެ މެއި މަހު ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ނުވަތަ ފުރައްސާރައިގެ ޝިކާރައަކަށް ވުމުގެ 2 މައްސަލަ ހުށަހަޅާފައި ވެއެވެ. މީގެ އިތުރުން ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 4 މައްސަލަ، މެއި މަހު ހުށަހަޅާފައި ވާއިރު އެ ފަދަ މައްސަލަތަކުގެ ތެރޭގައި ސްކޫލަށް ދާން ބޭނުން ނުވުމުގެ 2 މައްސަލަ ހިމެނެއެވެ.

"ރާއްޖެގައި ގިނަ މީހުން ތިބެނީ ސިއްރުކޮށްގެން، ރިޕޯޓެއް ނުކުރޭ، ކަމާބެހޭ އިދާރާތަކުންވެސް އުޅެނީ ފޮރުވަން"
ފުލުހުންގެ އޮފިޝަލެއް

"ދަ ޕްރެސް" އާ ވާހަކަ ދައްކަމުން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، އެ އިދާރާއަށް ހުށަހަޅާ މައްސަލަތައްވެސް މަދު ކަމަށާއި، ގިނަ ބަޔަކު އެފަދަ މައްސަލަތައް ހުށައަޅަން ފަސްޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ، ގަނާ ކުރުމުގެ ކަންކަން ހިނގާފައި ހުންނަ ކިތަންމެ ބަޔަކާ ދިމާވާ ކަމަށާއި ނަަމަވެސް ގިނަ މީހުން މައްސަލަ ހުށަހަޅަން ބޭނުން ނުވާ ކަމަށެވެ. އެހެން ކަމުން، ރާއްޖޭގެ އިދާރާތަކުގައި ލިބެން ހުރި ގަނާ ކުރުމާ ބެހޭ ނަންބަރުތަކަކީ ގަނާ ކުރުމުގެ މައްސަލަތައް ހިނގާ އަސްލު އަދަދުތައް ނޫން ކަމަށް އޭނާ ވިދާޅުވެއެވެ.

އިތުރަށް އޭނާ ވިދާޅުވީ، ސަބަބުން އެނގިވަޑައިނުގަން ނަނަމަވެސް ސަރުކާރުގެ ބައެއް އިދާރާތަކުން އެފަދަ މައްސަލަތަކުގެ މައުލޫމާތު ހާމަ ކުރުމުގައިވެސް ފަސްޖެހޭ ކަމަށެވެ.

މިފަދަ އަމަލެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ ހަދާނީ ކިހިނެއް؟

ބުލީގެ ޝިކާރައަކަށް ވެފައި ވާ ކުއްޖަކު ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައި ވާ ތަސްވީރެއް / ފޮޓޯ: އަންޑާސްޓުޑް

މިފަދަ އަމަލެއް ހިނގާކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެކުއްޖަކު ދައްކާ ވާހަކަ ކަނުލައި އަޑުއަހަން ވާނެއެވެ. އަދި ކުއްޖާއަށް ހިތްވަރުދީ އެއީ ވަކި އެ ކުއްޖާގެ މައްސަލައެއް ހުރުމުން ވާ ކަމެއް ނޫންކަމަށް ބުނެ ހިތްވަރު ދެވިދާނެއެވެ. ބައެއް ބެލެނިވެރިން ފާހަގަ ކުރާގޮތުގައި ކުއްޖާއަށް މިފަދަ ކަމަކާ ކުރިމަތި ވުމުން އެވާހަކަ ދައްކަން ކުއްޖާ ފަސްޖެހެއެވެ. އަދި މިޒާޖާ އުޅުމަށް ބޮޑެތި ބަދަލުތައް އައިސް އެކަނި ވުމަށް ބޭނުންވުމާއި މީހުންނާ މުއާމަލާތް ކުރުމަށް ބޭނުން ނުވެ، އަބަދު އެކަނިވެރި ވުމަށް ބޭނުންވާ ކަމަށް މިކަން ތަހައްމަލު ކުރާ ބައެއް ކުދިންގެ ބެލެނިވެރިން ބުނެއެވެ.

އަދި ސްކޫލަށް ދާން ބޭނުން ނުވާ ކަމަށް ބުނެ ތަފާތު ބަހަނާ ދައްކާކަން ކުދިންގެ ފުށުން ފާހަގަ ވާކަމަށް ވެސް ބައެއް ބެލެނިވެރިން ވަނީ ހިއްސާ ކޮށްފައެވެ. މިހާލަތުގައި ކުއްޖާއާ ވާހަކަ ދެއްކުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި އެފަދަ މައްސަލަތަށް ކަމާބެހޭ ފަރާތަށް އެންގުމާއެކު އެކަމާ މެދު ފިޔަވަޅު އަޅާ އެކަން ހުއްޓުވޭތޯ ޔަގީން ކުރަން ވާނެއެވެ. ވެށީގައި ހިންގާ ހަމަނުޖެހުންތަކާއި ބުލީގެ ހަމަލާތަކާ، ސައިބާ ބުލީގެ ހަމަލާތައް ހުއްޓުވުމުގައި، ދަރިވަރުންނާއި، ބެލެނިވެރިން، އިލްމީ މުޖުތަމައުގެ މެމްބަރުންނާއި އާންމު ރައްޔިތުންގެ ޒިންމާއެއް ވާކަން ކޮންމެ މީހަކު ވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ. މައްސަލަތައް މަދު، ދުޅަހެޔޮކަން މަތީ ދިރިއުޅޭ މުޖުތަމައަކަށް ހެދުމަށް ބުލީގެ ނުރައްކާ އެއްކޮށް ނައްތާލަން ޖެހެއެވެ.