ސްކޫލް ކުދިންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 22093 ދަރިވަރަކު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19 އިން ދިފާއު ވުމަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި މާލެއާއި އަތޮޅުތެރެއިން މިމަހު 17 ވަނަ ދުވަހުގެ ނިޔަލަށް 35989 ދަރިވަރަކު ވެކްސިންގެ ފުރަތަމަ ޑޯޒް އަދި 22093 ދަރިވަރަކު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ކަމަށެވެ.

މިހާތަނަށް 218 ސްކޫލެއްގައި ދަރިވަރުންނަށް ވެކްސިންގެ ފުރިހަމަ ޑޯޒް ޖަހަން ފަށާފައިވާއިރު ވެކްސިންގެ 2 ވަނަ ޑޯޒް 141 ސްކޫލަކުން ޖަހަން ފަށާފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.

ސްކޫލު ކުދިންނަށް ވެކްސިން ޖެހުމުގެ ޕްރޮގުރާމުގެ ތެރެއިން / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

ގާތްގަނޑަކަށް 35 ހާސް ކުދިން ވެކްސިން ޖަހަން ޝަރުތު ހަމަވާ ކަމަށް މީގެ ކުރިން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ސްކޫލެއްގައި ނޫޅޭ އުމުރުން 12 އާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހޭނީ އެޕޮއިންޓުމަންޓް އުސޫލުންނެވެ.

ހަމައެއާއެކު ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.