2020 ވަނަ އަހަރަކީ އެމެރިކާގެ ނިއުޔޯކް ސިޓީއަށް ހިމޭން އަހަރެކެވެ. ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅިގެން، ބައިނަލްއަގުވާމީ އެންމެ ވަރުގަދަ ކޮންފަރެންސް، މުޅިންހެން ވާޗުއަލް ޕްލެޓްފޯމެއްގައި ކުރިއަށް ގެންދިޔަ ނަމަވެސް، ދުނިޔޭގެ ޑިޕްލޮމެޓުން މި އަހަރު ވިދާޅުވަނީ "ކޮވިޑަކާ ކޮވިޑްއެކެވެ".

އދގެ މެންބަރު ގައުމުތައް ބައިވެރިވާ އާންމު މަޖިލީހުގެ ޖަލްސާތައް މި މަހުގެ 14 ވަނަ ދުވަހު ފަށައިގެން ކުރިއަށް ދާއިރު، އދގެ މަރުކަޒީ އިދާރާ ހުންނަ މެންހެޓަން ސަރަހައްދު ވަނީ ޑިޕްލޮމެޓިކް މޮޓޯކޭޑްތަކުން ފުރިބާރުވެފައެވެ. ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުން ނުވަތަ ޖެނެރަލް ޑިބޭޓަށް އިންތިހާ ވަގުތު ކުޑަތަންވެފައި ވާއިރު، ޑިޕްލޮމެޓިކް ހަރަކާތްތައް އިހުނަވުރެ ގަދައެވެ.

ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު އދގައި / ފޮޓޯ: ޓްވިޓާ

ޔޫއެންޖީއޭ 76 އިސްވެރިންގެ ބަހުސް ނުވަތަ ޖެނެރަލް ޑިބޭޓްގައި މައިގަނޑު ގޮތެއްގައި 2 ކަމެއްގެ މައްޗަށް ގައުމުތަކުން ވަކާލާތު ކުރާނެއެވެ. އެއް ކަމަކީ ދުނިޔެއަށް ކުރިމަތިލާން ޖެހިފައި މިވާ ކޮވިޑްގެ ބަލިމަޑުކަން ނިމުމަކަށް ގެނައުމެވެ. ދެވަނަ ކަމަކީ، ކޮވިޑްގެ ބަލިމަޑުކަމަށް ފަހު ދުނިޔޭގެ އިގުތިސޯދީ ސިއްހަތު ހެޔޮ ފާލަކަށް އެޅުވުމެވެ.

ކުރިއަށް އޮތް އެޖެންޑާވެސް ހުލާސާ ވަނީ މިފަދަ ގޮތަކަށެވެ. އދއިން ދެކޭ ގޮތުގައި މިހާރު ނިންމާ ނިމުންތަކުގައި އޮތީ 2 ނަތީޖާއެކެވެ. އެއް ކަމަކީ، ނިންމާ ގޮތެއްގެ ސަބަބުން އިންސާނީ، އިގުތިސޯދީ އަދި ތިމާވެށީގެ ސިއްހަތު، އެތައް ޖީލަކަށް ކަށަވަރު ކުރެވުމެވެ. އަނެއް ނަތީޖާއަކީ، ކުރީގެ ސަގާފަތްތައް އާލާވެ، ގުދުރަތީ އަދި އިޖުތިމާއީ ވެށި ހަލާކުވެ، ބައިބައިވެގެން ދިއުމެވެ. ދުނިޔެ ހޫނުވުމުގެ މައްސަލަވެސް މިކަމުގައި އިސްތިސްނާ ނުވެއެވެ.

5 އަހަރު ދުވަހުގެ 2 ވަނަ ދައުރަކަށް މަގާމަށް ވަޑައިގަންނަވާ އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް ވަނީ، ދުނިޔެ ކުރަމުން މިދާ ހަނގުރާމަ ނިމުމަކަށް އަންނަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް، ސަލާމަތީ މަޖިލީހުގެ ވާޗުއަލް ޕްލެޓްފޯމްގައި ތަގުރީރު ކުރައްވަނީ / ފޮޓޯ: ޔޫއެންޓީވީ

ނަމަވެސް، ފުރަތަމަ ނިމުމަކަށް އަންނަން ޖެހެނީ ކޮވިޑްގެ ބަލިމަޑުކަމެވެ. ޔޫއެންޖީއޭ އެޖެންޑާގެ އެންމެ ކުރިން ޖާގަ ހޯދާ މައުލޫތަކުގެ ތެރޭގައި ވެކްސިންގެ ފުރުސަތު ފަހިކޮށްދިނުން ހިމެނެނީ ސަބަބެއް ނެތިއެއް ނޫނެވެ. ސިއްހީ ތަޖުރިބާރުން ވަނީ، މުޅި ދުނިޔެއަށް އާންމު ވެފައިވާ ދިފާއެއް ކަށަވަރު ނުވަނީސް، ކޮވިޑްގެ ނުރައްކަލުން އަރައިގަނެވެން ނެތް ކަމުގެ އިންޒާރު ދެއްވާފައެވެ. ކަން މިހެން އޮތް ނަމަވެސް، މުއްސަނދި ކަމާއި ފަގީރު ކަމީ، ވެކްސިން ކެމްޕޭނަށް އޮތް އެންމެ ބޮޑު ހަތުރަށް ވަނީ ވެފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް ޖަހާފައި ވާ ކޮވިޑް ވެކްސިން ޑޯޒްގެ 70 ޕަސެންޓް ހިއްސާ ކުރަނީ އެންމެ 10 ގައުމުން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔަ (ޑަބްލިއުއެޗްއޯ) އިން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19: އެއް ގޮތަށް ވުރެ ގިނަ ގޮތުން ޔޫއެންޖީއޭއަށް މައްސަލައެއް

އާންމު މަޖިލީހުގެ ޖަލްސާތައް އދގެ މަރުކަޒީ އިދާރާގައި ކުރިއަށް ގެންދިޔަ ނަމަވެސް، އިހު ގޮތަށް މުޅިން ރުޖޫއައެއް ނުވެއެވެ.

ޔޫއެންޖީއޭ 76 އަކީ ކޮވިޑްގެ ސުޕާސްޕްރެޑާއަކަށް ވެދާނެ ކަމަށް ބަލާ، އެމެރިކާއިން ވަނީ، ވާޗުއަލްކޮށް މި ބައްދަލުވުމުގައި ބައިވެރިވުމަށް، އދގެ މެންބަރު ގައުމުތަކުގައި އެދިފައެވެ. ނަމަވެސް ގިނަ ގައުމުތަކުން އެކަމަށް ދިނީ ބީރު ކަންފަތެކެވެ. 21 ސެޕްޓެމްބަރު ގައި ފަށަން ތާވަލު ކޮށްފައި ވާ އިސްވެރިންގެ ބަހުސްގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 100 އަށް ވުރެ ގިނަ ގައުމުގެ އިސްވެރިން ތަގުރީރު ކުރައްވަން ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އަދި ރާއްޖޭގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހުވެސް ހިމެނިވަޑައިގަންނަވައެވެ.

އދގެ 74 ވަނަ އާންމު ޖަލްސާގެ ހަވާސާގައި ކުރިއަށްދިޔަ އިސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ/ފޮޓޯ: ރައީސް އޮފީސް

ދުނިޔޭގައި މިވަގުތު އެންމެ ގަދައަށް ވައިގައި ހިފާފައި ވާ ދެކުނު ކޮރެއާގެ ޕޮޕް ބޭންޑް، ބީޓީއެސްއިންވެސް އދގެ މަރުކަޒީ އިދާރާގައި ހާއްސަ ހުށަހެޅުމެއް ދިނުމަށް، އެތަނުގައި ހަރަކާތްތެރިވެއެވެ.

ކަން މިހެން އޮތްއިރު، ނިއުޔޯކް ސިޓީއިން ވަނީ، އދގެ މަރުކަޒީ އިދާރާއަށް ވަންނަ ކޮންމެ މީހަކީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހެއްކަން ސާބިތު ކޮށްދިނުމަށް ލާޒިމު ކޮށްފައެވެ. އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ދިވެހި ފޮރިން މިނިސްޓަރު، ޢަބްދުﷲ ޝާހިދުވެސް ވަނީ މިކަމަށް ތާއީދު ކުރައްވާފައެވެ. މި ކަން އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކާ، 1 ޑޯޒްއިން ފުރިހަމަ ކުރެވޭ ޖޯންސަން އެންޑް ޖޯންސަން ވެކްސިން ޑޯޒް، އެއްވެސް އަގަކާ ނުލާ ޖެހޭނެ އިންތިޒާމް، އދގެ ކެމްޕަސް ތެރޭގައި ހަމަޖައްސާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް، ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ މެންބަރުންގެ ތާއީދު، މިކަމަށް ލިބޭނެ ކަމަކަށް ނުބެލެވެއެވެ. އެންމެ ފާޅުގައި ދެކޮޅު ހަދަމުންދާ ގައުމުތަކަކީ ރަޝިއާ އަދި ބްރެޒީލްއެވެ. ވެކްސިން ޖެހިކަން ސާބިތު ކޮށްދޭ ހެކި ނެތި، މަރުކަޒީ އިދާރައަށް ނުވަދެވޭ ގޮތަށް އޮތް އޮތުމާ އެ ގައުމުތަކުން އެންމެ ހަރުކަށި އިބާރާތުން ދެކޮޅު ހަދާ ކަން ވަނީ ހާމަކޮށްފައެވެ. އަދި ގައުމުތަކުން ބޭނުން ކުރަމުން ދާ ހުރިހާ ވެކްސިނަކީ، އެމެރިކާއިން ބަލައިގަންނަ "ފެންވަރުގެ" ވެކްސިންތަކެއް ނޫން ކަމަށް ރަޝިއާއިން ވަނީ ފާހަގަ ކޮށްފައެވެ.

ބްރެޒިލްގެ ރައީސް ޖެއީރު ބޮލްސޮނާރޯއަކީ ކޮވިޑް-19ގެ ފަރުވާގެ ގޮތުގައި އެޗްސީކިއު ޕްރޮމޯޓްކުރައްވާ ރައީސެއް/ފޮޓޯ: ރޮއިޓާޒް

އެންމެ ހަރުކަށި އިބާރާތުން ގޮންޖެއްސެވީ ބްރެޒީލްގެ ރައީސް ޖެއީރު ބޮލްސޮނާރޯއެވެ. އޭނާ ވަނީ، ޖެނެރަލް ޑިބޭޓްގެ ކުރިން ވެކްސިން ފުރިހަމަ ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ބޮލްސޮނާރޯއަކީ، އެންމެ ފުރަތަމަ ތަގުރީރު ކުރައްވާ މެންބަރުންގެ ލިސްޓުގައިވެސް ހިމެނިވަޑައިގަންނަވާ ލީޑަރެކެވެ.

މަޖިލިސް ތަޅުމާ ޖިއޯޕޮލިޓިކްސް

އދގެ އާންމު މަޖިލީހުގެ އެޖެންޑާގައި އޮންނަ އެންމެ ހާއްސަ ނަމްބަރަކީ އިސްވެރިންގެ ބަހުސް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. މިއީ ގައުމުތަކުގެ ވެރިން، އެ ގައުމެއްގެ ފަހްރާއި ޝަރަފު އިންތިހާއަށް "ދެއްކުންތެރި ކުރުވާ" ޕޯޑިއަމެއްގެ ގޮތުގައި ސިފަ ކުރެވޭ އިވެންޓެކެވެ. މި ފަހަރުގެ ބަހުސްގައި މައިގަނޑު ގޮތެއްގައި އިވިގެންދާނެ މައުލޫތަކުގެ ތެރޭގައި ކޮވިޑް-19ގެ އިތުރުން ދެން ހިމެނެނީ، އެމެރިކާއައި ހުޅަނގުގެ ބާރުތަކުން އަފްގާނިސްތާނު ދޫކޮށްލި ދޫކޮށްލުމާ، އީރާނުގެ މައްސަލައާއި އުތުރު ކޮރެއާގެ އިތުރުން، އެމެރިކާއާއި ޗައިނާގެ "ކުރިމަތިލުން"ތަކުގެ ވާހަކަ ކަމަށް ލަފާ ކުރެވެއެވެ.

ޖޫން 18، 2021 ގައި އީރާނުގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ރައީސީއަކީ ރޫހީ ލީޑަރު އާޔަތުއްލޯ އަލީ ހާމަނާއީގެ އަރިސް ބޭފުޅެއް / ފޮޓޯ: މިޑްލް އީސްޓް އޮބްޒާވާ

މި ފަހަރުގެ ބައްދަލުވުމުގައި، އީރާންގެ އާ ރައީސް އިބްރާހީމް ރައީސީ، ޖިސްމާނީ ގޮތުން ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ދެއްވަނީ ވީޑިއޯ ތަގުރީރެކެވެ. ޗައިނާއާ ކުރިމަތިލުމަށް ދުނިޔޭގެ ވަރުގަދަ ބާރުތަކެއް ކަމަށް ވާ އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިއާއިން ވަރުގަދަ ދިފާއީ އެއްބަސްވުމެއް އެކުލަވާލާފައި ވާއިރު، ޗައިނާއާއި ފަރަންސޭސިވިލާތުގެ ވާހަކަތައް ހަރުކަށި ވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

ކަން މިހެން އޮތް އިރު، އދގެ މެންބަރު ގައުމުތަކަށް ކަނޑައަޅާފައިވާ ގޮނޑިތަކުން 2 ގޮނޑިއެއްގައި، އާދަޔާ ހިލާފު "ލީޑަރުން"ތަކެއް ތިބުމުގެ ފުރުސަތުވެސް އެބަ އޮތެވެ. އެއީ އަސްކަރީ ބަގާވާތަކުން ޑިމޮކްރަޓިކް ސަރުކާރެއް ވައްޓާލި މިޔަންމާގެ ގޮނޑިއާއި، ހަތިޔާރުއެޅި ހަނގުރާމަވެރިން ކޮންޓްރޯލް ނަގާފައި ވާ އަފްގާނިސްތާނުގެ ގޮނޑިއެވެ. ނަމަވެސް މި ގައުމުތަކުން އދގައި ތަމްސީލު ކުރައްވާނީ، އެ ގައުމުތަކުގެ ކުރީގެ ސަރުކާރުތަކުން ކަނޑައަޅުއްވާފައި ތިއްބެވި މަންދޫބުން ކަމަށް ހަބަރު ލިބެއެވެ. އެ ޑިޕްލޮމެޓުންނަށް ދޫކޮށްފައި ވާ ހުއްދަ ބާތިލު ކުރުމުގެ ފިކުރެއް، އދގެ އިންތިޒާމް ކޮމިޓީގައި އޮތް ކަމަކަށް ހަބަރެއް ނުލިބެއެވެ.

މިޔަންމާގެ އަސްކަރީ ލީޑަރު މިން އާންގް ހަލައިންގް / ފައިލް ފޮޓޯ: ޔީ އާންގް ތޫ

މީގެ އިތުރުން، ނަސްލީ ތަފާތު ކުރުންތަކުގެ މައްސަލާގައި ދުނިޔޭގެ ލީޑަރުންގެ ހާއްސަ ބައްދަލުވުމެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ތާވަލު ކޮށްފައެވެ. ވަކިން ހާއްސަކޮށް ހުޅަނގުގެ ގައުމުތަކުގައި ބޮޑުވެފައި ވާ ނަސްލީ ތަފާތު ކުރުންތަކުގެ މައްސަލާގައެވެ.

މޫސުން

ޔޫއެންޖީއޭ76ގެ އެންމެ ފޯރިގަދަ ހިސާބަށް އާދެވިފައި މި ވަނީ، ދުނިޔެ ނުދެކޭ ފަދަ ހޫނުގަދަ އަހަރެއް ތަޖުރިބާ ކުރުމަށް ފަހުގައެވެ. އަލިފާންގަނޑުތައް ރޯވުމުގެ ހާދިސާތައް ހިނގާފައި ވާއިރު، ފެންބޮޑުވުމުގެ ހާދިސާތައްވެސް އެވަރަށް ރެކޯޑް ކޮށްފައި އެބަހުއްޓެވެ.

ޔޫއެން ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖުން މިދިޔަ ހުކުރު ދުވަހު އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި ދުނިޔެ ހޫނުވަމުން ދާ ނިސްބަތް މިހާރު މިސްރާބު ޖަހާފައި ވަނީ 2.7 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށެވެ. މިއީ ގެއްލުން ދެނިވި ބޮޑެތި ކާރިސާތަކަކާ ކުރިމަތިލާން ނުޖެހި، ދުނިޔެ ފިނިހޫނުމިން އިތުރުވުމަށް ސައެންސްވެރިން ކަނޑައަޅާފައި ވާ 1.5 ޑިގްރީ ސެލްސިއަސްގެ ފާހަގައަށް ވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ.

ކަނޑުގެ ދިރުންތަކާ އިންސާނީ ހަޟާރާތާ އޮތް ގުޅުން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: އދ

ޔޫއެންޖީއޭ 76 އަކީ މޫސުމީ މައްސަލަތަކުގައި ގައުމުތައް އެއްގަލަކަށް އެރުވުމަށް ލިބޭނެ އެންމެ ތަނަވަސް ފުރުސަތެވެ. ކުރިއަށް އޮތީ އިގުތިސޯދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު (ޖީ20)ގެ ބައްދަލުވުމާއި، ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް26)އެވެ. ކޮޕް26 ކާމިޔާބު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް، ބައްދަލުވުން ހޮސްޓްކުރާ އިނގިރޭސިވިލާތުގެ ބޮޑުވަޒިރު ބޮރިސް ޖޯންސަން، ގުޓެރޭޒްއާއެކު ހޯމަ ދުވަހު (މިރޭ) ހާއްސަ ބައްދަލުވުމެއް ކުރިއަށް ގެންދަވާނެއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކާއި ސަލާމަތާ ބެހޭ ގޮތުން، އދގެ ސަލާމަތީ މަޖިލިހުގެ ހާއްސަ ބަހުސެއް، ބުރާސްފަތި ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ. އަދި ދެމެހެއްޓެނެވި ހަކަތައާ ބެހޭ ބައްދަލުވުމެއް، ޖެހިގެން އަންނަ ދުވަހަށް ވަނީ ތާވަލު ކޮށްފައެވެ. މިއީ 1981 ވަނަ އަހަރަށް ފަހު މިފަދަ ބައްދަލުވުމެއް ހިނގާ ފުރަތަމަ ފަހަރު ކަން ފާހަގަ ކުރަންޖެހެއެވެ.

ކޮންމެ ގޮތަކުން ބެލި ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައި ވާ 7 ބިލިއަނަށް ވުރެ ގިނަ މީހުންގެ ދިރިއުޅުމާ ގުޅިފައި ވާ މުހިންމު ކަންތައްތަކަށް މަގު ކޮށިގެން ދާ މުހިންމު ބައްދަލުވުންތަކެކެވެ. ދައުލަތުގެ ބަޖެޓްތަކުން އެތައް ހަރަދެއް ކުރައްވައިގެން ގައުމުތަކުގެ ޑިޕްލޮމެޓުންނާއި އިސްވެރިން އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ނަތީޖާ ހެޔޮ ވާނެ ކަމަށް ބަލަމާ ހިނގާށެވެ.